"ލާލް ސިންގް ޗައްޑާ" ފިލްމުގެ ނާކާމިޔާބީ އާއި ގުޅިގެން ފިލްމީ ދާއިރާއިން ބްރޭކެއް ނަގައިގެން ހުރި މަޝްހޫރު އެކްޓަރު އާމިރު ޚާން އިތުރު ފިލްމަކަށް ސޮއިކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާމިރު ސޮއިކޮށްފައިވަނީ ކާމިޔާބު ތެލެގޫ ފްރެންޗައިޒް "ކޭޖީއެފް" ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ކުރިއަށް ގެނެސްދިނުމަށް ނިންމާފައިވާ ފިލްމަކަށެވެ.

އަންނަ މަހުގެ ތެރޭގައި ސޫޓިން ފެށުމަށް ހަމަޖެހިފައިވާ މިފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ މިއަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "އާރްއާރްއާރް"ގެ ބަތަލު އެންޓީއާރް ޖޫނިއާ އެވެ.

މި ފިލްމުގައި އާމިރު ފެނިގެންދާނީ ނެކެޓިވް ރޯލަކުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އަދި ނަމެއް ފައިނަލު ނުވާ މިފިލްމަށް މިހާރު ދީފައިވާ ނަމަކީ "އެންޓީއާރް 13" އެވެ. މިފިލްމު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިލީޒް ކުރުމަށް ވަނީ ނިންމާފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެންޓީއާރް ޖޫނިއާއާ އެކު ޕްރަޝާންތު އިއުލާންކުރި ފިލްމުގެ ރޯލެއް އާމިރަށް ހުށަހެޅުމުން އޭނާ ވަނީ އެއަށް އެއްބަސްވެފަ އެވެ. އަދި މިއީ ބޮޑު ބަޖެޓަކުން ހަދާނެ ވަރަށް ވަރުގަދަ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމުގެ ޕްލޮޓަކީ މީގެ 20 އަހަރު ކުރިން 42 އަހަރުގެ ޑައިރެކްޓަރު ފައްކާކޮށްފައިވާ ވަރަށް ޝައުގުވެރި ކޮންސެޕްޓަކަށް ހަދާނެ އެއްޗެކެވެ.

އާމިރު އެންމެ ފަހު ފެނިގެން ގޮސްފައިވާ ފިލްމަކީ މިއަހަރުގެ އޮގަސްޓް ގައި ރިލީޒްކުރި ""ލާލް ސިންގް ޗައްޑާ" އެވެ. އެ ފިލްމުގެ ބޮޑު ނާކާމިޔާބީއާ ގުޅިގެން އާމިރު އެކްޓިން އިން ދިގު ބްރޭކެއް ނަގަން ނިންމުމުގެ ކުރިން ސްޕެއިންގެ ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" ގެ ރިމޭކް އޭނާ ކުޅޭ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް މިހާރު ނިންމާފައި އޮތީ އޭގައި ޕްރޮޑިއުސަރެއްގެ ގޮތުގައި އެކަނި އާމިރު ހިއްސާވާށެވެ.