މި ސަރުކާރުން ނިންމިކަމަށް ބުނާ ބަނދަރުތަކުގެ ތެރެއިން 26 ބަނދަރަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި މަސައްކަތްކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒް، ރައީސް ސޯލިހްގެ މި ދައުރުގައި 47 ބަނދަރު ނިމި 36 ބަނދަރު ހަދަމުންދާ ކަމަށް ކުރެއްވި ޓުވީޓަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 108 ބަނދަރުގެ މަސައްކަތްކޮށް ނިންމި ކަމަށެވެ.
ނިޔާޒު ވިދާޅުވީ ބަނދަރުގެ ބޭނުމަކީ އެތައް ބައެއް ދިރިއުޅުން އެއިން ބިނާކުރާ އޮޑިދޯނިފަހަރު ރަށު ބަނދަރުގައި އެޅުމަށްފަހު ރޭގަނޑު ހަމަނިދި ނިދައިލެވޭ ގޮތްވުން ކަމަށެވެ.
"ވެރިކަން ބަދަލުވި އިރު 26 ބަނދަރުގެ މަސައްކަތް ހިނގަމުން ދިޔަ. މި ވެރިކަމުގައި ނިންމި ކަމަށް ބުނާ 47 ބަނދަރުގެ ތެރެއިން 26 ބަނދަރަކީ ޔާމީންގެ ވެރިކަމުގައި ފެށިފައިވާ ބަނދަރުތައް" މުއިއްޒު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ޑިސެމްބަރު 28، 2022 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން 47 ރަށެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އިތުރު 36 ރަށެއްގައި އެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.