އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އުތުރުގެ ތިން އަތޮޅަކަށް ކުރެއްވި ކެމްޕެއިން ދަތުރަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އިންތިހާބުން ބަލިވުން އެއީ އެމަނިކުފާނު ދަންނަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އިންތިހާބުން ބަލިވެއްޖެ ނަމައޭ ކިޔާފަ ސުވާލުކުރަން ނުޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ބަލިވާނެ ނަމައޭ ކިޔާފަ ކުރާ ސުވާލަކީ އަސްލު ސުވާލެއް ވެސް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ނާކާމިޔާބެއް ނުވާނެ، އެއީ އެއްވެސް ތަނެއްގައި އަޅުގަނޑު ދެކޭ ތަނެއް ނޫން. އަޅުގަނޑުގެ ނަޒަރުގައި އެއީ ސުވާލެއް ނޫން. ނަމައޭ ކިޔުއްވާފައި ސުވާލު ތި ކުރެއްވީ. އަޅުގަނޑުމެން ކުޑައިރުއްސުރެން ފެށިގެން ދައްކާ ވާހަކައެއް ނަމަނަމަ އެއްގައި ރިހައެއް ނުކެއްކޭނެ،" ނަޝީދު ވިދާޅުވި އެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ނަޝީދާއި އެމަނިކުފާނާ ދެމެދު އޮތް މައްސަލައަކީ ދެބޭފުޅުން ވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ބޭނުންވުން ކަމަށެވެ. އެކަމާ ގުޅޭގޮތުން މިރޭ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނާ މެދު އެއްވެސް މައްސަ؛ލައެއް ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން އެ ޕާޓީން ވަކިކޮށްފައިވާތީ 70،000 ވޯޓު ރައީސް ސޯލިހަށް ގެއްލޭނެ ކަމަށެވެ. އަދި ރައީސްގެ އަރިހުގައި އުޅުއްވާ ގިނަ ބޭފުޅުންގެ ވޯޓު ވެސް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.