ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސުޕަސްޓާ ޝާހުރުކް ޚާންގެ ފިރިހެން ދަރިފުޅު އާރްޔަން ޚާން އާއި މޮރޮކޯއަށް ނިސްބަތްވާ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތެހީއާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ހަބަރު ފެތުރިއްޖެ އެވެ.

އާރްޔަންގެ ކެރިއަރުގައި މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް، މަޝްހޫރު ތަރި ޝާހުގެ ދަރިފުޅަށް ވުމާ ގުޅިގެން އާރްޔަން އަށް ވެސް ވަނީ ފޭން ބޭސްއެއް ލިބިފަ އެވެ. ހަމައެހެންމެ މޮރޯކޯއަށް ނިސްބަތްވާ ނޯރާ އާންމުންގެ ތެރޭގައި މަޝްހޫރުވީ އޭނާގެ ފުރަތަމަ ލަވަ ކަމަށްވާ "ދިލްބަރް" އިންނެވެ. އެ ލަވަ ރިލީޒްކުރިތާ 24 ގަޑިއިރުގެ ތެރޭގައި ލަވައަށް ވަނީ ޔޫޓިއުބް އެކަނި ވެސް 20 މިލިއަން ވިއުސް ލިބިފަ އެވެ.

އެއާއެކު އާރްޔަން އާއި ނޯރާ އަކީ ގިނަ ބައެއްގެ ތެެރޭގައި މަޝްހޫރުކަން ހޯދާފައިވާ ދެ ތަރިންނެވެ. ހަމައެހެންމެ އާރްޔަން އާއި ނޯރާގެ ޒާތީ ހަޔާތުގެ ވާހަކަތަކަކީ ވެސް އާންމުންގެ ތެރޭގައި ބޮޑަށް ދެކެވޭ ވާހަކަތަކެކެވެ.

އެގޮތުން ސޯޝަލް މީޑިއާގައި އެ ދެމީހުން، ލޯބީގެ ގޮތުން ގުޅިފައިވާ ކަމުގެ ވާހަކަތައް ދެކެވޭއިރު، ގިނަ ބަޔަކު ދަނީ އާރްޔަން އާއި ނޯރާ އެކީގައި ފެނިގެންދާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. އަދި ފޮޓޯތަކުން އެނގެނީ އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ކަން އާންމުން ބުނެ އެވެ.

ނޯރާ އާއި އާރްޔަން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ ވާހަކަތަކައް ނޯރާ އަދި އާރްޔަން އެއްބަސް ނުވާއިރު، އެވާހަކަތަކަށް ދެތަރިން ވެސް މިހާތަނަށް ދެކޮޅު ހަދާފައެއް ނުވެ އެވެ.