ހެނޮއީ (ޖެނުއަރީ 4) - ވިއެޓްނާމުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ކޮންކްރީޓުން ހަދާފައިވާ ހޮލޯ ތަނބެއްގެ ތެރެއަށް ވެއްޓުނު 10 އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތް ކުރުމަށް އެ ގައުމުގެ އިންޖިނޭރުންނާއި ސިފައިން މަސައްކަތް ފަށައިފި އެވެ.
ގާގްތަނޑަކަށް 35 މީޓަރު (115 ފޫޓު) ފުން ތަނބުގެ ތެރޭގައި އެ ކުއްޖާ ތާށިވެފައި ހުންނަތާ ތިން ދުވަސްވެއްޖެ އެވެ. އެހެންވެ އެ ކުއްޖާ ސަލާމަތުން ހުރި ކަމެއް ވެސް ރެސްކިއު ޓީމުތަކަށް އަދި ޔަގީނެއް ނޫނެވެ. ކުއްޖާ ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފެށީ ހޯމަ ދުވަހު އެވެ. ކުއްޖާ ތަނބުގެ ތެރެއަށް ވެއްޓުނު އިރު ރޯ އަޑު އިވުނެވެ. އޮފިޝަލުން ބުނީ ހޯމަ ދުވަހު ކުއްޖާގެ އެއްވެސް އަޑެއް ނީވޭ ކަމަށެވެ. އެ ކުއްޖާ ނޭވާލުމަށް އެ ތަނބުގެ ހޮޅީގެ ތެރެއަށް ދަނީ އޮކްސިޖަން ޕަމްޕް ކުރަމުންނެވެ.
ކޮންކްރީޓް ތަނބުގެ ހުސްބައިގެ ފުޅާމިނަކީ 25 ސެންޓިމީޓަރެވެ. ކުއްޖާ ވެއްޓުނީ ޑޮންގް ތާޕް ޕްރޮވިންސްގައި ބްރިޖެއް ހެދުމަށް ޖަހާފައިވާ ތަނބެއްގެ ތެރެއަށެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާ އަށް ނޭނގެ ތަނބުގެ ތެރެއަށް ވެއްޓުނީ ބާދަނޑު ހޮވަން އުޅުމުގެ ތެރޭގަ އެވެ.
ކުއްޖާ ސަލާމަތްކުރުމަށް ދަނީ 100 އަށް ވުރެ ގިނަ ސިފައިންނާއި ޕްރޮފެޝަނަލް ސާމާނު ބޭނުން ކުރަމުންނެވެ.
ޕްރޮވިންސްގެ ޑެޕިއުޓީ ޗެއާމަން ޑޯން ޓާން ބޫ ވިދާޅުވީ ކުޑަ ކުއްޖާ އަށް ވަރަށް ބޮޑެތި އަނިޔާތައް ވެފައިވާނެ ކަމަށް ބެލެވޭ ކަމަށާއި އެ ކުއްޖާ ސަލާމަތުން ހުރެދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށެވެ.