ލަންޑަން ( 20 ޑިސެމްބަރު) - އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އާ ސްޓްރެއިން ވަރަށް ނުރައްކާ ކަމަށް ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވެއްޖެ އެވެ.

ލަންޑަން އަދި އިނގިރޭސި ވިލާތުގެ އިރުދެކުނު ސަރަހައްދުތައް އިއްޔެ އިން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް ލޮކްޑައުންކޮށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ވަނީ އެކަން އިއުލާންކޮށްފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ޓަޔާ ހަތަރެއް އިއުލާންކޮށް ލޮކްޑައުންގެ ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.

އެއްވެ އުޅުމާއި، ގެއިން ބޭރަށް ދިއުމާއި، ކްރިސްމަސް ފާހަގަކުރުން މަނާކޮށް އަދި ފިހާރަތަކާއި މީހުން އެއްވެ އުޅޭ އެހެނިހެން ތަންތަން ބަންދުކުރުމަށް ވަނީ އަންގާފަ އެވެ.

އިނގިރޭސި ހެލްތް ސެކްރެޓަރީ ވިދާޅުވީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އަދި އަލަށް ފެނުނު ވައިރަސްގެ ސްޓެރެއިން ފެތުރޭލެއް އަވަސްކަމަށާއި ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށެވެ. އަދި ޓަޔާ ހަތަރެއް އިއުލާން ކޮށްފައިވާ ސަރަހައްދުތަކުގެ މީހުން ގައިޑްލައިންތަކަށް ތަބާވެ މިކަމަށް ފުރިހަމަޔަށް އެއްބާރުލުން ދީގެން ނޫންގޮތަކަށް ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށްވެސް ހެލްތް ސެކްރެޓަރީ ވިދާޅުވި އެވެ.

ކޮވިޑް ފެތުރޭލެއް ހަލުވިކަމުން ބައެއް ގައުމުތަކުން ވަނީ އިނގިރޭސި ވިލާތަށް ދަތުރުކުރުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. ނެދަލޭންޑުން ވަނީ އާއަހަރު އަންނަންދެން އިނގިރޭސި ވިލާތުން އަންނަ ހުރިހާ ފްލައިޓެއް ކެންސަލްކޮށްފަ އެވެ. އަދި މީގެ އިތުރުން އިޓަލީ އަދި ބެލްޖިއަމުން ވެސް ވަނީ ފްލައިޓްތައް ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފަ އެވެ.

އަލަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ގާތަގަނޑަކަށް 16.4 މިލިއަން މީހުން ލޮކްޑައުންގައި ގޭގެއި މަޑުކުރަން ޖެހޭނެ އެވެ. މިއީ އިނގިރޭސި ވިލާތުގެ އާބާދީގެ 31 ޕަސެންޓް މީހުންނެވެ. -- ސީއެންއެން