ހެނޮއި (ޖެނުއަރީ 5) - ވިއެޓްނާމުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ކޮންކްރީޓުން ހަދާފައިވާ ހޮލޯ ތަނބެއްގެ ތެރެއަށް ވެއްޓުނު 10 އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް، ވަޅުގެ ތެރޭގައި އެ ކުއްޖާ މަރުވެފައިވާކަން ޔަގީންވެއްޖެ އެވެ.

ގާތްގަނޑަކަށް 35 މީޓަރު (115 ފޫޓު) ފުން ތަނބުގެ ތެރޭގައި އެ ކުއްޖާ ތާށިވެފައި ހުންނަތާ ތިން ދުވަސްވެއްޖެ އެވެ. ކުއްޖާ ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފެށީ ހޯމަ ދުވަހު އެވެ. ކުއްޖާ ތަނބުގެ ތެރެއަށް ވެއްޓުނު އިރު ރޯ އަޑު އިވުނެވެ. އޮފިޝަލުން ބުނީ ހޯމަ ދުވަހު ކުއްޖާގެ އެއްވެސް އަޑެއް ނީވޭ ކަމަށެވެ. ކުއްޖާ ވެއްޓުނު ހޮޅީގެ ޑައިމީޓަރުގައި ފޫޓެއް ވެސް ހަމަނުވެ އެވެ.

ވިއެޓްނާމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ކުއްޖާގެ ހަށިގަނޑު ވަޅުން ނަގައި ވަޅުލުމަށެވެ.

ކުއްޖާ ވަޅަށް ވެއްޓުނު ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވީ ވަޅުގެ ތެރޭގައި އެ ކުއްޖާ ނޭވާލުމަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ނެތް ކަމަށެވެ. އަދި ވަޅަށް ވެއްޓުމުގެ ތެރޭގައި ކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުއްޖާ ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި ވަނީ 100 އަށް ވުރެ ގިނަ ސިފައިންނާއި ޕްރޮފެޝަނަލް ސާމާނު ބޭނުން ކޮށްފަ އެވެ.

ކުއްޖާ ވަޅަށް ވެއްޓުނު ކަމަށް ބެލެވެނީ ބާދަގަނޑު ހޮވަން އުޅުމުގެ ތެރޭގަ އެވެ.