ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އަޅާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް، ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ކައުންސިލާ އެކު ބައްދަލުކުރައްވާފައިވާއިރު، އެ އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓު އުޅުމުގެ މަސައްކަތަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް މިހާރު ނުނިމި އޮތް ކަމަކީ، އެއާޕޯޓު އަޅާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވިގޮތުގައި ދެން އެންމެ އަވަހަށް އާރުޓީއެލް ފެރީގެ ހިދުމަތް ފެށިގެން ދާނެ ސަރަހައްދުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނެ އެވެ.

އޭގެ އިތުރުން ފަތުރުވެރިކަމަށް އެއަތޮޅުން ދޫކޮށްފައިވާ ރަށްކަމަށްވާ ރ.އުފުލަންދޫ ސަރުކާރަށް ނަގާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ބޭނުމަށް އަލުން އެ ރަށް ދޫކުރައްވާނެކަމަށެވެ. އަދި އަތޮޅު ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އަލިފުށީ ސްކޫލްގެ މަލްޓިޕާޕަސް ހޯލުވެސް ހުޅުއްވައި ދެއްވައިފަ އެވެ.