ޖުޑިޝަރީގެ ސިޔާސަތުތައް ކަނޑައެޅުމާއި އިދާރީ ހިންގުމުގެ ގަވާއިދުތައް ހެދުމުގެ ބާރުތައް، ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ "ޖުޑީޝަލް ކައުންސިލް" އަކަށް ހަވާލުކުރާ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުން ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް ޖުޑީޝަލް ކައުންސިލެއް އުފައްދައި ޝަރުއީ ދާއިރާގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނައުމަށްޓަކައި، ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ.
މި ބިލުގައިވާ ގޮތުން އުއްތަމަފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ ޖުޑީޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވާނީ އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ އެހެން ދެ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުގެ އިސް ފަނޑިޔާރާއި އެ ކޯޓުން ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ. މީގެއިތުރުން ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ކަނޑައަޅުއްވާ ތިން އިސް މެޖިސްޓްރޭޓުން ވެސް މި ކައުންސިލްގައި ތިއްބަވާނެ އެވެ. ކައުންސިލްގައި ތިއްބަވާ އިސް މެޖިސްޓްރޭޓުން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ބަދަލުކުރަންޖެހޭއިރު، އެކަން ކުރަންވާނީ ޝަރުއީ ދާއިރާގެ ހުރިހާ ފަރާތްތައް ތަމްސީލުކުރެވޭ ގޮތަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އަލަށް އުފައްދާ މި ކައުންސިލަށް ގިނަ މަސްއޫލިއްޔަތުތަކަކާއި ބާރުތަކެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ އާންމު ސިޔާސަތުތައް ކަނޑައެޅުމަށް އުއްތަމަފަނޑިޔާރަށް ލަފާދިނުމާއި، ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓުތަކުގެ އިޖުރާއަތްތަކާއި ހިންގުމާ ބެހޭ އާންމު ގަވާއިދުތަކާއި އުސޫލުތައް ހަދައި އިސްލާހުކުރުން ހިމެނެ އެވެ. ހަމައެއާއެކު، ކޯޓުތަކުގެ އިދާރީ އަދި ފަންނީ ގާބިލުކަން އިތުރުކޮށް އާންމުންގެ އިތުބާރު ހޯދުމުގެ ލަނޑުދަނޑިތައް ހިމެނޭ ގޮތަށް ޖުޑީޝަރީގެ އެކްޝަން ޕްލޭން ހެދުމުގައި ލަފާދިނުމާއި، ކޯޓުތަކަށް މައްސަލަތައް ބަލައިގަތުމުގައި އަމަލުކުރާނެ އުސޫލުތައް ހެދުމުގެ އިތުރުން ކޯޓުތަކުގެ ރިސެސްގެ މުއްދަތު ކަނޑައެޅުން ވެސް ކައުންސިލްގެ ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ. މަދަނީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ތައާރަޒުނުވާނެ ގޮތުގެ މަތިން ޝަރީއަތް ހިންގުމާ ބެހޭ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ވެސް ކައުންސިލްގެ ޒިންމާއެކެވެ.
މި ބިލުގައި ބުނެފައިވާ ގޮތުން، ޖުޑީޝަލް ކައުންސިލްގެ ލަފާގެ މަތިން ޖުޑީޝަރީގެ އިދާރީ ހިންގުން ތަންފީޒުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ނަމުގައި ވަކި އޮފީހެއް އޮންނަންވާނެ އެވެ.
އިދާރީ ހިންގުމަށް ޑީޖޭއޭއަށް ބާރުތަކެއް ދީފައިވީ ނަމަވެސް، މިހާރެކޭ އެއްގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދައުރު ބިލުން މުޅިން އުނިކޮށްފައެއް ނުވެ އެވެ. އެގޮތުން، ޖުޑީޝަރީގެ އިދާރީ އިސްވެރިޔާ ކަމަށްވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު މިހާރު ވެސް އޮންނަ ގޮތަށް ޖޭއެސްސީއަށް ދީފައި އޮތް ނަމަވެސް، ބިލުގައި ކަނޑައަޅާފައިވަނީ ދެން އެ މަގާމަށް ބޭފުޅަކު އައްޔަންކޮށް ވަކިކުރަންޖެހޭނީ ޖުޑީޝަލް ކައުންސިލްގެ ލަފާ ހޯދައިގެން ޖޭއެސްސީން ކަމަށެވެ.
ހަސީނާ ޑިސެމްބަރު 16 ގައި ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ
ރަހުމަތްތެރިން ތިބެމެ އެކަނިވެރިކަން އިހުސާސް ކުރެވެނީ ކީއްވެ؟
ކަނޑަށް ގެއްލުނު އިބްރާހިމްގެ ކަށުނަމާދު ހުކުރު ނަމާދަށްފަހު!