ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ، އިންޑިއާގައި ދެ އަހަރަށްވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ރާއްވަވަމުން ގެންދަވާކަން ހާމަކުރައްވައިފި އެވެ. ޑިސެމްބަރު 16 އަކީ 1971 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމަ ނިމުމަކަށް އައި އެ ގައުމުގެ "ވިކްޓަރީ ޑޭ" އެވެ.

ހަސީނާގެ ތަރުޖަމާނު ސައިޔިދު މުޒައްމިލް އަލީ ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، އުމުރުން 79 އަހަރުގެ ހަސީނާ އެނބުރި ވަޑައިގަތުމަށް ވަކި ތާރީހެއް ކަނޑައެޅުއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އޭނާ ވަނީ ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާން ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއް ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.

5 އޮގަސްޓް 2024 ގައި ޝައިޚް ހަސީނާ އިންޑިއާއަށް ވަޑައިގެންނެވީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. އެހެންކަމުން ދިއްލީން ޑާކާއަށް އެކަމަނާ އެނބުރި ވަޑައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަން" މުޒައްމިލް އަލީ ވިދާޅުވި އެވެ.

ނަމަވެސް ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ބުނެފައިވަނީ ހަސީނާއަށް އެނބުރި ގައުމަށް އާދެވޭނީ ކުށްވެރިން ބަދަލުކުރުމުގެ (އެކްސްޓްރަޑިޝަން) އެއްބަސްވުމުގެ ދަށުން އެކަނި ކަމަށެވެ. ދަރިވަރުން އިސްވެ ކުރި މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މީހުން މެރުމަށް އަމުރުކުރި މައްސަލާގައި، އޭނާގެ ޣައިރު ހާޒިރުގައި ބަންގްލަދޭޝްގެ ކޯޓަކުން ވަނީ މަރުގެ އަދަބު ކަނޑައަޅާފަ އެވެ.

ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރު ފޯ ފޮރިން އެފެއާޒް ހުމާޔޫން ކަބީރު ވިދާޅުވީ، ހަސީނާއަކީ ހުކުމް ތަންފީޒުކުރަން ޖެހިފައިވާ ފިލައިގެން އުޅޭ ޓެރަރިސްޓެއް ކަމަށެވެ. "އޭނާއަށް އެނބުރި ގައުމަށް އާދެވޭނީ ހަމައެކަނި އެކްސްޓްރަޑިޝަން މުއާހަދާގެ ދަށުން، ބިޑިއަޅުވައިގެން، ވަރުގަދަ ފާރަވެރިކަމެއްގެ ދަށުންނެވެ. ސަރުކާރުން އޭނާ ގެނައުމަށް ފްލައިޓެއް ހަމަޖައްސައިދިނުމަކީ ވާނެ ކަމެއް ނޫން،" ކަބީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު ތޯރިގު ރަހްމާންގެ އިންފޮމޭޝަން އެޑްވައިޒަރު ޒާހިދު އުރު ރަހްމާން ވިދާޅުވީ، ހަސީނާ އެނބުރި އަތުވެއްޖެނަމަ މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށެވެ. އަދި ހަސީނާގެ އަވާމީ ލީގު ޕާޓީގެ އެއްވެސް ލީޑަރަކު ބޯޑަރު ހުރަސްކޮށް ގައުމަށް އެތެރެވިޔަނުދިނުމަށް ބޯޑަރު ބަލަހައްޓާ ސިފައިން ތިބީ ފާރަވެރިވެގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި، ހަސީނާގެ ވެރިކަން ވެއްޓުމަށް މަގުފަހިވި ހަމަނުޖެހުންތަކުގައި 1،400 އެއްހާ މީހުން ވަނީ މަރުވެފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އޭނާގެ އަވާމީ ލީގު ޕާޓީ ވަނީ މަނާކޮށްފަ އެވެ. ނަމަވެސް، ހަސީނާ އަނބުރާ ގެނައުމަށް ގޮވާލައި އެ ޕާޓީގެ ސަޕޯޓަރުން ދަނީ ބަންގްލަދޭޝްގެ މަގުތަކަށް ނުކުމެ އަޑުއުފުލަމުންނެވެ.