ރާއްޖޭގައި މޫދު ކުޅިވަރު ކުޅުމަށް ޒުވާނުންނަށް ފޯރި އަރައި އެކަން އެންމެ ފުރަތަމަ ކުރަން ފަށަނީ އަމިއްލަ ހިތްހަމަޖެހުމަށެވެ. ގިނަ ފަހަރަށް އެ ޝައުގު އުފެދެނީ ރަހުމަތްތެރިންނާއި، އާއިލާ މީހުންނާ އެކު ވަގުތު ހޭދަކުރުމުގެ ތެރޭގަ އެވެ.

ދ. ކުޑަހުވަދޫއަށް ނިސްބަތްވާ ކުޅަދާނަ ސާފް ކިންގް އަހުމަދު އަމީރު، (ސީތޯ)ގެ ވާހަކަ ވެސް ފެށެނީ ރަހުމަތްތެރިންނާ ގުޅޭ ހިސާބުންނެވެ. އޭނާގެ ވާހަކަ ފެށިގެންދަނީ، ޒުވާން ޖޯޝުގައި ރާޅާއެޅުމަށް ހިތްޖެހި، އެކަމުން ކުރިއަށްދިއުމަށް އޭނާގެ އޮތް ނުގުޑާ އަޒުމާއި، ހިތްވަރުގެ ވާހަކައިންނެވެ.

މޫދުގައި ކުޅޭ ކުޅިވަރެކޭ ބުނުމުން އެ މީހެއްގެ ހަޔާތުގައި އެކަމެއް ފެށުނީ މޫދުންނޭ ގިނަ ބަޔަކަށް ހީވެދާނެ އެވެ. އެހެންނަމަވެސް އަމީރުގެ ހަޔާތް ބަދަލުކޮށްލި މި ކުޅިވަރު ފެށުނީ މޫދަކުންނެއް ނޫނެވެ. އެކަން ފެށުނީ ވިއްސާރަ ދުވަހެއްގައި ރަހުމަތްތެރިންނާ އެކު މަގުމައްޗަށް ނިކުމެ، މަގުމަތީގައި ހެދިފައި އޮތް ޗަކަގަނޑަކަށް އެރި ކުޅެން އުޅުމުގެ ތެރެއިންނެވެ. އަދި ހަޔާތުގައި އަމީރު ދަތުރުކުރަމުންދިޔަ މިސްރާބު ބަދަލުކޮށް، ވިސްނުން ބަދަލުކޮށްލީ އެދުވަހު އޭނާއަށް ގެއެއް ކައިރިން ފެނުނު ހަލާކުވެފައިވާ ކަބަޑެއްކަން ހުދު އޭނާ ވެސް ހިތަށް ނާރަ އެވެ.

އަމީރުގެ އެންމެ އުފާވެރި ހަނދާންތައް ގުޅިފައި އޮތީ ކުޑަހުވަދޫ ހަޑިގިއްލާ ރާޅުގަނޑުގެ ބިޔަ ރާޅުތަކާ އެކު އެވެ. އަމީރުގެ ކޮންމެ ދުވަހެއްގެ އާދައަކީ ރާޅާ އެޅުންކަމަށް ވާއިރު، ރާޅަށް ނުދެވޭ ދުވަހެއްގައި ހަމަނިދި ނުލިބޭ ވަރަށް ވެސް އެކަމަށް އޭނާ ދެވިހިފި އެވެ.

އެއާއެކު ރާޅާ އަޅައި، ކުރިއަށް ދެވޭނެ އެންމެ މައްޗަކަށް ކުރިއަށް ދިއުމަށް އަމީރަށް ލިބުނީ އައު އަޒުމަކާއި އުންމީދެކެވެ. އެގޮތުން އޭނާ ވަނީ އުމުރުން 17 އަހަރުގައި 2019 ވަނަ އަހަރު ބޭއްވި ރަންނަމާރި ޗެލެންޖުގައި ބައިވެރިވެ ހަތަރުވަނަ ހޯދާފަ އެވެ. އަދި 2021 ވަނަ އަހަރު ބޭއްވި ރާޅާ އެޅުމުގެ ގައުމީ މުބާރާތުގެ ފިރިހެނުންގެ ޖޫނިއާ ޝޯޓްބޯޑް ބައިން އެއްވަނަ ހޯދާފައިވާއިރު، މިދިޔަ އަހަރު ބޭއްވި ޖޫނިއާ ސާފިންގެ މުބާރާތުން ވެސް ޗެމްޕިއަންކަން ހޯދީ އަމީރެވެ.

ރާޅާ އެޅުމުން ކުރި ހޯދަމުން އަންނަ ޒުވާން ރާޅާއެޅުންތެރިޔާ އަމީރު.

ރާޅާއެޅުމުން ކުރި ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ކުރިމަތިވި ގޮންޖެހުމެއްގެ ގޮތުގައި އަމީރު ފާހަގަކޮށްފައިވަނީ އޭރު، މިފަދަ މޫދު ކުޅިވަރަކަށް އާންމުންގެ ހޭލުންތެރިކަން ނެތުމާއި، އިދާރާތަކުގެ އެއްބާރުލުން ނުލިބުމެވެ. އެކަމުގެ ސަބަބުން މުބާރާތްތަކުގައި ބައިވެރިވުމަށް އެންމެ އެދެވޭ އެހީތެރިކަން ލިބިފައި ނުވާކަން އަމީރު ފާހަގަކުރި އެވެ.

"ރަންނަމާރިއަށް ދާންވެގެން ދިޔައީ ކަންނެއްޔަށް. ރާވައިގެން ގާތްގަނޑަކަށް ހަތަރުމަސް ކުރިން ދިޔައީ. ބަޖެޓު ހަމަޖައްސައިގެން ތިން ރަހުމަތްތެރިން ހަމަ އަމިއްލައަށް، އެއްވެސް ބައެއްގެ އެހީތެރިކަމެއް ނުލިބި މުބާރާތުގައި ބައިވެރިވީ. ދިޔައިން ކައުންސިލަށް ވެސް. އެކަމަކު އޭރު ނުދޭ ރަށުގެ ކޮމިއުނިޓީންވެސް އެއްބާރުލުމެއް. އެއަށްފަހު ހިތަށްއެރީ އަމިއްލައަށްށޭ މިކަމާއި ކުރިމަތިލާނީ. ސްޕޮންސާއެއް ނެތިއްޔާ ވަރަށް އުނދަގޫ ވާނެ،" އަމީރު ކިޔައިދީފައިވެ އެވެ.

ރާޅާއެޅުމާއ ގުޅުންހުރި ވަޒީފާއެއް އަދާކުރަމުންދާ އަމީރު ގަބޫލުކުރާ ގޮތުގައި އޭނާއަށް ރާޅާއެޅުމަކީ ހަމައެކަނި އަދާކުރެވޭ ވަޒީފާއެއް ނޫނެވެ. ހަމައެހެންމެ އެކަން އޭނާ ފާހަގަކޮށްފައިވަނީ، ހަޔާތުގައި އެންމެ ކުރަން އެދޭ މަސައްކަތް ކޮށްގެން ދިިރިއުޅުމުގެ ދުވަސްތައް ގުނުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

"ޑްރީމް ކުރާ ކަންތައް ކޮށްގެން ޕޭ އެ ކުރަނީ. ކުރާހިތުން ކުރަނީ. މިސާލަކަށް މިރަށުގައި އުޅޭއިރުވެސް މަ ބޭނުންވާނެ ހަމަ ހެނދުނު ގޮސްލާފަ ރާޅަށް އެރިލަން،" އަމީރު "ހުރިހާ" އަށް ކިޔައިދިނެވެ.

ރާޅާއެޅުންތެރިޔާ އަހުމަދު އަމީރު.

ކުޑަހުވަދޫގައި އެންމެ މޮޅު ރާޅާ އެޅުންތެރިއެއްގެ ގޮތުގައި އަމީރު ފާހަގަކޮށްލެވޭއިރު، އޭނާގެ އިންސްޕްރިރޭޝަން އަކީ އެމެރިކާގެ ކުޅަދާނަ އަދި މަޝްހޫރު އޭންޑީ އައިރަންސް އެވެ. އަމީރުގެ ކުރިމަގުގައި ދެން ވެސް އޮތީ ބުރަ މަސައްކަތް ކޮށްގެން ކާމިޔާބީ ހާސިލް ކުރުން ކަމުގައި އޭނާ ދެކެ އެވެ. ވަޒީފާ އަދާކުރާ ކުންފުނީގެ އެއްބާރުލުމާއެކު އޭނާ ހުރީ ކުރިއަށް ދެން އޮތް ހުރިހާ މުބާރާތްތަކެއްގައި ވެސް ބައިވެރިވެ އިތުރު ކާމިޔާބީތައް ހޯދުމުގެ އަޒުމުގަ އެވެ.

ރާއްޖެއަކީ ބައެއް ފަރާތްތަކުގެ ދުލުން ބުނާނަމަ، ރާޅާ އަޅާ މީހުންގެ ސުވަރުގެ އެވެ. އެގޮތުން ރާއްޖެ ފަދަ ގައުމެއްގައި ރާޅާއެޅުން ފަދަ ކުޅިވަރުތަކަށް އެއްބާރުލުންދީ، މި ކުޅިވަރު ކުރިއެރުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަމީރު ދެކެ އެވެ.