އިންޑިއާގެ ސައުތު އިންޑިއަންގެ ފިލްމް އިންޓަސްޓްރީގައި މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ ކަމަށްވާ ރަޝްމިކާ މަންދަނާ ދެކެ މީހުން ރުޅި އަންނާނެ ކަމަށް ބެލެވޭ ސަބަބު އޭނާ ހާމަކޮށްފި އެވެ.

ރަޝްމިކާއަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް އަދި ގިނަ އަޕްޑޭޓާއި ފޮޓޯ ވެސް ހިއްސާކުރަމުން އަންނަ ތަރިއެކެވެ. ހަމަ އެހެންމެ ރަޝްމިކާގެ މަޖާ، އަދި ހިތްތިރި މިޒާޖާ ގުޅިގެން އޭނާއަށް ވަނީ މަދު ވަގުތުކޮޅެއްގައި ގިނަ ބައެއްގެ މަގުބޫލުކަމާއި ލޯބި ލިބިފަ އެވެ.

ހަމައެހެންމެ ރަޝްމިކާގެ ކުރިއަރަމުންދާ ކެރިއަރާ އެކު އޭނާއަށް ދަނީ ސައުތު އިންޑިއާގެ އިތުރުން ބޮލީވުޑް ފިލްމުތަކުގެ މުހިންމު ރޯލުތަކުން ވެސް ޖާގަ ހޯދަމުންނެވެ.

އެހެންނަމަވެސް އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރަޝްމިކާ ވަނީ އޭނާދެކެ ލޯބިވާ މީހުންގެ އިތުރުން ރުޅިއަންނަ މީހުން ވެސް މަދު ނޫންކަމަށް ބުނެފަ އެވެ. މަޝްހޫރުކަން ލިބި ގިނަ ބައެެއްގެ ލޯބި ލިބޭ ބަޔަކަށް މީހުންގެ ނަފްރަތު ވެސް ލިބޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެކަމަކީ އޭނާއަށް އުނދަގޫވާ ކަމެއް ނޫން ކަމަށް ވެސް ރަޝްމިކާ ފާހަގަކޮށްފައިވެ އެވެ.

ރަޝްމިކާ ދެކެ ރުޅިއަންނަންވީ ސަބަބަކީ ކޮބައިތޯ ނޫސްވެރިޔާ އޭނާއަށް ސުވާލުކޮށްފައިވާއިރު، އޭގެ ސަބަބެއްގެ ގޮތުގައި ބެލެވެނީ ރަޝްމިކާގެ ބަހުރުވަ ހުންނަ ގޮތާއި، އަތުގެ ހަރަކާތްތައް މާބޮޑަށް ބޭނުން ކުރުން ކަމަށް އޭނާ ބުނެފައިވެ އެވެ.

ދާދި ފަހުން ބޮލީވުޑް ފިލްމު "ގުޑްބާއީ"އިން ރަޝްމިކާ ފެނިފައިވާއިރު، މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ދެ ފިލްމުކަމުގައިވާ "ވާރިސޫ" އާއި "މިޝަން މަޖްނޫ" އިން ވެސް ރަޝްމިކާ ފެނިގެންދާނެ އެވެ.