ބްރެޒީލިއާ (ޖެނުއަރީ 9) - ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސަނަރޯ އަށް ސަޕޯޓްކުރާ ކޭމްޕްތައް ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ނައްތާލުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރައެސް ނެރުއްވި އަމުރުގައި ވަނީ މަގުމަތީގައި ހަމަނުޖެހުން ހިންގާ އެންމެން ވަގުތުން ހައްޔަރު ކުރުމަށް ފުލުހުންނަށް އަންގައިފަ އެވެ. މާދަމާ އިރުއެރުމުގެ ކުރިން ހައިވޭތައް ސާފުކޮށް، ހުޅުވުމަށް ވަނީ އަންގައިފަ އެވެ.

މޮރައެސް ވިދާޅުވީ އިދިކޮޅު ކޭމްޕްތައް ނައްތާނުލައިފި ނަމަ ސިފައިންނާއި ފުލުހުންގެ ކޮމާންޑަރުންނާއި ޑިފެންސް މިނިސްޓަރު ކޯޓަށް ހާޒިރުކޮށް އެ މީހުން ޒިންމާދާރު ކުރުވާނެ ކަމަށެވެ.

ވެރިރަށް ބްރެޒީލިއާގައި ހުންނަ ކޮންގްރެސް އާއި ސުޕްރީމް ކޯޓު އަދި ރިޔާސީ ގަނޑުވަރަށް ވަނީ ކުރީގެ ރައީސަށް ސަޕޯޓްކުރާ މީހުން ރޭ ވަދެ ހަމަނުޖެހުން ހިންގައިފަ އެވެ. އެ ހަމަނުޖެހުންތަކުގައި ބައިވެރިވިކަމުގެ ކުށުގައި މިހާތަނަށް ވަނީ 400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

ކުރީގެ ރައީސް ބޮލަސަނަރޯ ވިދާޅުވެފައި ވަނީ ހަމަނުޖެހުންތަކުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުން ބޮލްސަނަރޯ އަށް ނާކާމިޔާބުވުމާ އެކު އޭނާ އަށް ސަޕޯޓްކުރާ އެތައް ބަޔަކު ވަނީ މުޒާހަރާއަށް މަގުތަކަށް ނުކުމެފަ އެވެ. ބޮލްސަނަރޯ ވެސް ވަނީ ވޯޓުގެ ނަތީޖާ ގަބޫލްކުރަން ދެކޮޅު ހައްދައިފަ އެވެ.