ވޮޝިންޓަން (21 ޑިސެމްބަރު) - އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން ދެން އަމަލުކުރަައްވާނެ ގޮތްތަކާމެދު ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ޓީމާއެކު ހޫނު ބައްދަލުވުންތަކެއް އޯވަލް އޮފީހުގައި ކުރިއަށް ގެންގޮސްފި އެވެ.

ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ރިޔާސީ އިންތިހާބު ބާތިލްކުރުމާއި، އެމެރިކާގައި މާޝަލް ލޯ އިއުލާންކުރުމާއި، އިންތިހާބުގައި ހިނގާދިޔަ ކަންކަން ތަހުގީގުކުރުމަށް ސްޕެޝަަލް ކައުންސިލެއް އުފެއްދުން އުފެއްދުމަށް މަޝްވަރާކުރި އެވެ.

އޯވަލް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ރައީސް ޓްރަމްޕް އަދި ޓްރަމްޕްގެ ވަކީލު ސިޑްނީ ޕަވެލް، އެންމެ ފަހުން ޓްރަމްޕް މައާފު ދެއްވި ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލިން، ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މާކް މެޑޯގެ އިތުރުން އެހެން ބޭފުޅުން ކަމަށްވެ އެވެ.

ބައްދަލުވުމުގެ މައުލޫމާތު އެނގޭ ބަޔަކާ ހަވާލާދީ ސީއެންއެން އިން ބުނިގޮތުގައި އެމެރިކާގައި މާޝަލް ލޯ އިއުލާންކޮށް ޓްރަމްޕް ބޭނުންވާ ގޮތަކަށް އިންތިހާބުގެ ކަންކަން ހަމަޖެއްސުމަށް ފްލިން ހުށަހެޅުއްވި ހުށަހެޅުއްވުން އަދި މީގެ އިތުރުން އިންތިހާބުގެ ކަންކަން ތަޙްގީގުކުރުމަށް ޕަވެލް ސްޕެޝަލް ކައުންސިލްގެ މަގާމަށް އައްޔަން ކުރުމާމެދު ވާހަކަ ދެކެވުނު ކަމަށެވެ.

ނަމަވެސް ބައްދަލުވުމުގައި ބައިވެރިވި އެހެން ބޭފުޅުން މިކަމާ ނުރުހުންވެ، ހޫނު ބަހުސްތަކެއް ކުރިއަށްދިޔަ ކަމަށް މައުލޫމާތުދެ އެވެ. ފްލިންގެ މި ހުށަހެޅުއްވުން ރައީސް ޓްރަމްޕް ގަބޫލުފުޅު ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ޕަވެލް ގަބޫލުކުރާ ގޮތުގައި އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވީ ވޯޓްލުމަށް ބޭނުންކުރި އިލެކްޓްރޯނިކް ވޯޓިން މެޝިންތަކުގެ ސަބަބުންނެވެ. އަދި ޕަވެލް ވަނީ ސްޕެޝަލް ކައުންސިލެއް އުފައްދައި، ރައީސްގެ އޯޑަރުގެ ދަށުން ވޯޓިން މެޝިންތައް ޗެކްކޮށް، އެއްވެސް ބަޔަކު މެޝިންތަކަށް ބަދަލުގެނެސްފައި ހުރިތޯ ބެލުމަށް ހުށަހަޅުއްވާފަ އެވެ. - ސީއެންއެން