އިންޑިއާގެ އެހީގައި މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ހަދަމުން އަންނަ އޮލިމްޕަސް ސިނަމާ ހުޅުވާ ތާރީހު އަނެއްކާވެސް ފަސްކޮށްފި އެވެ.

އޮލިމްޕަސް ހުޅުވާ ތާރީހު ފަސްކޮށްފައިވާކަން ހާމަކޮށްފައިވަނީ މަޝްހޫރު އެކްޓަރު އަލީ ސީޒަން ކުރި ޓްވީޓެއްގަ އެވެ. ސީޒަން ކުރި ޓްވީޓްގައި ވަނީ އޮލިމްޕަސް ހިންގާ ނެޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިން ފޮނުވާފައިވާ އީމެއިލެއްގެ ސްކްރީން ޝޮޓެއް ހިއްސާ ކޮށްފަ އެވެ.

އެންސީއޭ އިން ސީޒަންއަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ ހޯލު ބުކްކުރަން ސީޒަން އެދުނު ތާރީހަށް ސިނަމާގެ މަސައްކަތް ނުނިމޭނެ ކަމަށާއި، އެތަން ހުޅުވަން ނިންމާފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ ކުރީކޮޅުގައި ކަމަށެވެ. އެހެންކަމުން އެދުނު ތާރީހަށް ހޯލު ދޫކުރެވެން ނެތް ކަމަށް ވެސް އެ މެއިލްގައި ވަނީ ބުނެފަ އެވެ.

ސީޒަން އޮލިމްޕަސް ބުކްކުރުމަށް އެދިފައިވަނީ މި މަހަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ނޭޝަނަލް ސެންޓަރު ފޮ ދި އާޓްސް (އެންސީއޭ)އިން ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކަށް މިމަހުގެ 15 އިން ފެށިގެން އެޑްވާންސް ބުކިން އަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން 15 އިން ފެށިގެން ޕްރެކްޓިސް ރޫމްތައް ބުކް ކުރުމާއި ހޯލް ވެސް ބުކްކުރެވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޖެނުއަރީ މަހުގެ 15 އިން ފެށިގެން އޮލިމްޕަސް ބުކް ކުރަން ހުޅުވައިލިއިރު، އެތަނުގައި ފިލްމު އެޅުވުމުގެ އެންމެ ފުރަތަމަ ތާރީޚު ލިބޭނީ ޑާކް ރެއިން އެންޓަޓެއިންމެންޓަށެވެ. އެއީ އޮލިމްޕަސް ރިނޮވޭޝަނަށް ބަންދު ކުރިއިރު، އެ ޕްރޮޑަކްޝަން ހައުސްއިން ސިނަމާ ބުކް ކުރަން އެދި ފައިސާ ދައްކާފައިވާތީ އެވެ.

ޑާކް ރެއިން އިން ވަނީ ފެބުރުއަރީ 6 ވަނަ ދުވަހު ފިލްމު "ބީވީމާ" އަޅުވާނެކަން އިއުލާން ކޮށްފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ 2020 ވަނަ އަހަރު އެ ސިނަމާ ބަންދުކުރި ގޮތަށް އޮލިމްޕަސް ހުޅުވުން ލަސްވާތީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.