ޕްލާސްޓިކަކީ މިއަދުގެ ދުނިޔޭގައި ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ. ހާއްސަކޮށް ކާނާ ރައްކާ ކުރުމަށް ޕްލާސްޓިކް ބޭނުން ކުރެވޭ ވަރު އިތުރެވެ. ވިއްކުމުގެ ބޭނުމުގައި ޕެކޭޖު ކުރިއަސް ނުވަތަ ގޭގައި ބާކީވާ ކާނާ ފަހަށް ރައްކާ ކުރަން ވިޔަސް އަހަރުމެންނަށް ގިނަ ފަހަރަށް ބޭނުން ކުރެވެނީ ޕްލާސްޓިކް ޕެކެޓް ނުވަތަ ތަށްޓެވެ.
އުފެދޭ ސުވާލަކީ މިއީ އެންމެ ރަނގަޅު ކަމެއްތޯ ކުރެވޭ ސުވާލެވެ. ތިމާވެށްޓަށް ގެއްލުން ދޭ އެއްޗެއްގެ ގޮތުގައި ނަން މަޝްހޫރު ވެފައިވާ ޕްލާސްޓިކަކީ އަހަރުމެންގެ ސިއްހަތަށް ވެސް އޮތް ނުރައްކަލެއްތޯ ކުރެވޭ ސުވާލެވެ.
ކާބޯތަކެތި ރައްކާ ކުރުމަށް ތައްޔާރު ކޮށްފައި ހުންނަ ޕްލާސްޓިކް ތަށިތަކާއި ފުޅިތައް ތައްޔާރު ކުރުމުގައި ބޭނުން ކުރެވޭ އެއް މާއްދާއަކީ ޕޮލިކާބޮނޭޓް އެވެ. މިއީ ކެންސަރާއި ހަކުރުބަލި ފަދަ ސިއްހީ މައްސަލަތައް ޖެހުމަށް މެދުވެރި ކުރުވާ މާއްދާއެއް ކަމަށްވާ ބިސްފަނޯލް ހަށިގަނޑަށް ފޮނުވައިދޭ މާއްދާ އެކެވެ.
ހަމައެއާއެކު ކާނާ ބަންދުކުރަން ބޭނުން ކުރާ ޕްލާސްޓިކް ރެޕްގައި އެކުލެވޭ ޕީވީސީއަކީ ޖިންސީ ނިޒާމުގެ ބަލިތަކަށް މަގުފަހި ކުރުވާ މާއްދާއެއް ކަމަށް ވެސް ހެދިފައިވާ ދިރާސާތަކުން ދައްކަ އެވެ.
ޚާއްސަކޮށް ގިނަ ދުވަސް ވެފައިވާ ޕްލާސްޓިކް ފުޅިއާއި ތަށިތަށްޓަކީ ސިއްހަތަށް އެކި ގޮތްގޮތުން ގެއްލުން ކުރުވާ އެއްޗެހި ކަމުން އެފަދަ ތަކެތީގައި ކާނާ ރައްކާކުރުން ހުއްޓާލަން ޖެހޭ ކަމަށް މާހިރުން ބުނެ އެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު އެންމެ ރައްކާތެރި ގޮތަކީ ކާނާ ރައްކާ ކުރަން ޕްލާސްޓިކްގެ ބަދަލުގައި މުށި ނުވަތަ ބިއްލޫރި ތެލިތަށި ބޭނުންކުރުން ކަމުގައި ބުނެވިދާނެ އެވެ.