ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތް ދެމުން އަންނަ ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) ގެ ސިއްރު މައުލޫމާތުތަކެއް ހެކްކޮށްފި އެވެ.

ޓީއެމްއޭގެ ސިއްރު މައުލޫމާތުތައް ހެކްކޮށް، އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން ޓީއެމްއޭގެ މައުލޫމާތުތައް ހެކްކޮށްފައިވަނީ ބައިނަލްއަޤްވާމީ ހެކަރުންގެ ގުރޫޕެއް ކަމަށްވާ ރެންސަމް ހައުސް އިން ކަމަށް އެނގިފައިވެ އެވެ. އެމީހުން ވަނީ ޓީއެމްއޭގެ 350 ޖީބީ ޑޭޓާ ހެކްކޮށް، ނަގާފައި ކަމަށް އެނގިފައިވެ އެވެ.

އަހަރަކު މިލިއަނަކަށްވުރެ ގިނަ ފަސެންޖަރުން އުފުލާ އެއާލައިނެއްގެ ގޮތުގައި ޓީއެމްއޭ ހިމެނޭއިރު، މި ކުންފުނީގެ ގިނަ ބައެއްގެ ޕާސްޕޯޓާއި، ކްރެޑިޓް ކާޑުގެ ނަމްބަރު ފަދަ ޒާތީ މައުލޫމާތުތައް ހުރުން އެކަށީގެންވެ އެވެ.

އެއާލައިނުގެ މައުލޫމާތުތައް ހެކްކުރުމާއި ގުޅިގެން މިހާތަނަށް ޓީއެމްއޭއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މީގެ ކުރިންވެސް ޓީއެމްއޭއަށް ސައިބާ ހަމަލާއެއް އަމާޒުވެފައިވާއިރު، ޗެކިން ސިސްޓަމް ޑައުންވެ، ގިނަ ފަތުރުވެރިންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.