ބެއިޖިން (ޖެނުއަރީ 14) - މި އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހާ ހަމައަށް ޗައިނާގައި 900 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ޕެކިން ޔުނިވާސިޓީން ހެދި ދިރާސާ އަކުން ދައްކައިފި އެވެ.

ޔުނިވާސިޓީގެ ރިޕޯޓުގައިވާ ގޮތުން ޗައިނާގެ އާބާދީގެ 64 ޕަސެންޓް މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އެންމެ ގިނައިން ކޮވިޑް ޖެހިފައި ވަނީ ޗައިނާގެ ގަންސޫ ޕްރޮވިންސްގެ މީހުންނަށެވެ. އެ ޕްރޮވިންސްގެ 91 ޕަސެންޓް މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު ދެން އެންމެ ގިނައިން އެ ބަލި ޖެހުނު ޔުއާން ޕްރޮވިންސްގެ 84 ޕަސެންޓް މީހުންނަށް ވެސް ވަނީ ބަލިޖެހިފަ އެވެ. ތިން ވަނަ އަށް އެންމެ ގިނައިން ކޮރޯނާވައިރަސް އެރި ގިންގައިގެ 80 ޕަސެންޓް މީހުންނަށް ވަނީ ބަލިޖެހިފަ އެވެ.

ޗައިނާގެ އެންމެ އިސް އެޕިޑެމިއޮލޮޖިސްޓް ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ޗައިނާގެ އާ އަހަރާ ދިމާކޮށް ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވާނެ އެވެ.

ޗައިނާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލްގެ ކުރީގެ ވެރިޔާ ޒެންގް ގުއާން ވިދާޅުވި ގޮތުގައި ޗައިނާގެ ކޮވިޑުގެ ޕީކް ރާޅު ދެތިން މަހަށް ދެމިގެންދާނެ އެވެ.

ޗައިނާގެ އާ އަހަރު ފަށާނީ މި މަހު 23 ގަ އެވެ. ކޮވިޑުގައި ބަންދުވެ ތިން އަހަރަށް ފަހު ފުރަތަމަ ފަހަރަށް މިދިޔަ އާދިއްތަ ދުވަހު ޗައިނާ ހުޅުވާލާފައިވާތީ އާ އަހަރުގެ ބަންދުގައި އެތައް މިލިއަން މީހުން މިފަހަރު ދަތުރުކުރާނެ ކަމަށް ބެލެވެ އެވެ.

ޗައިނާ އިން މިހާރު ވަނީ އެ ގައުމުގައި ކޮންމެ ދުވަހަކު ވެސް ކޮވިޑް ޖެހޭ މީހުންގެ ތަފާސްހިސާބު އާއްމުކުރުން ހުއްޓާލައިފަ އެވެ. ޗައިނާގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރެން މިހާރު ފަށާފައިވާ އިރު ބޮޑެތި ސިޓީތަކުގެ ހޮސްޕިޓަލްތައް ވަނީ ގާތްގަނޑަކަށް ފުރިފަ އެވެ.