(21 ޑިސެމްބަރު)- ކޮވިޑަށް އެމެރިކާގެ ފައިޒާ ކުންފުނިން އުފެއްދި ވެކްސިން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި ބޭނުންކުރުމުގެ ހުއްދަ ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭ) އިން ދީފި އެވެ.

އީއެމްއޭގެ އެގްޒެކެޓިވް ޑައިރެކްޓާ އެމާ ކޫކް ވިދާޅުވިގޮތުގައި މި ވެކެސިން އަށް ހުއްދަދޭން ނިންމީ ވަރަށް ރަނގަޅަށް ތަހްލީލްކޮށްފަ އެވެ. އަދި އެ މީހުން ހެދި ޓެސްޓްތަކުން ވެކްސިން 95 ޕަސެންޓް ކާމިޔާބުކަމަށް ދައްކަ އެވެ. މި ވެކްސިން 16 އަހަރުން މަތީ މީހުންނަށް ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޫކް ވިދާޅުވިގޮތުގައި އީއެމްއޭއިން ވެކްސިން ބޭނުން ކުރުމަށް ހުއްދަ ދިނަސް މި ވެކްސިން ބޭނުންކުރުމުގެ ހުއްދައެއް ޔޫރަޕިއަން ކޮމިޝަނުން ވެސް ދޭން ޖެހޭނެ އެވެ. މިކަމަށްޓަކައި އަންނަ ހޯމަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޔޫރަޕިއަން ޔޫނިއަނުން ވަނީ 300 މިލިއަން ޑޯޒްގެ ވެކްސިނަށް އޯޑަރު ދީފަ އެވެ. ނަމަވެސް މިއަހަރު އަދި އަންނަ އަހަރުގެ ކުރީ ކޮޅަށް ބޭނުން ކުރަން ލިބޭނީ ވެކްސިންގެ މަދުމިންވަރެކެވެ.

ކޮވިޑް ރޯގާގައި އީޔޫގެ ގައުމުތަކުން ވަނީ 311،000 މީހުންނަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ކްރިސްމަސް ދުވަސްވަރާއި ދިމާކޮށް ގައުމު ތަކުގައި ކޮވިޑް ރޯގާ ފެރުތުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އިނގިރޭސި ވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އައު ސްޓްރެއިން އާއި ގުޅިގެން އީޔޫގެ ގިނަ ގައުމުތަކުން ވަނީ އިނގިރޭސި ވިލާތަށް ވަޔާއި އެއްގަމު މަގުން ކުރާ ދަތުރުތައް ހުއްޓާލާފަ އެވެ. – ބީބީސީ