ޑެލްވެއާ (22 ޑިސެމްބަރު) - އެމެރިކާގެ ރައީސްކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ޖޯ ބައިޑެން ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.

ބައިޑެން ވެކްސިން ޖެހުމަށް ނިންމެވީ އާންމުންގެ ތެރޭގައި ކޮވިޑް ވެކްސިންއާ ގުޅިގެން ހުރި ނުތަނަވަސްކަން ނައްލާތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. މީގެ ކުރިން މިހާރުގެ ނައިބް ރައީސް މައިކް ޕެންސް އަދި އަނބިކަނބަލުން ކަރެން ޕެންސްގެ އިތުރުން އެމެރިކާގެ ސާޖަން ޖެނެރަލް ޑރ. ޖެރޯމް އެޑަމްސް ވެސް ވަނީ ވެކްސިން ޖައްސަވާފަ އެވެ.

ބައިޑެން ވެކްސިން ޖެއްސެވި ވަގުތު މި މަންޒަރު ވަނީ ވަގުތުން ދުރަށް ދައްކާފަ އެވެ.

ވެކްސިން ޖެއްސެވުމަށްފަހު ބައިޑެން ވިދާޅުވީ ވެކްސިންގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހުރިހާ ބޭފުޅުން ވެސް ވެކްސިން ޖެހުމަށް ތައްޔާރުވާންވީ ކަމަށެވެ. އަދި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެކްސިން ޕްރޮގްރާމް ފައްޓަވައި ކުރިއަށް ގެންދެވާތީވެ ޝުކުރުއަދާކުރައްވާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

މައުލޫމާތު ލިބޭގޮތުގައި ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ކަމާލާ ހެރިސް އަދި ފިރިކަލުން ޑޮގް އެމްހޮފް ވެސް އަންނަ ހަފްތާގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވެ އެވެ.

ބައިޑެންގެ ސަރުކާރުން ވަނީ އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ވެކްސިން ޑޯޒް ފުރިހަމަކުރުމުގެ އަމާޒު ހިފާފަ އެވެ.

މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑިސެމްބަރު 13 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިން ޖެހުމަށް އަދި ހަމަޖެހިފައި ނުވާކަމަށާއި، ރަނގަޅު ވަގުތުގައި ވެކްސިން ޖެހުމަށް އުންމީދުކުރައްވާ ކަމަށެވެ. ޓްރަމްޕް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެގެން ތިން ދުވަހު ހޮސްޕިޓަލުގައި ވެސް އެޑްމިޓްކޮށް ފަރުވާ ހޯއްދަވާފަ އެވެ. – ބީބީސީ