މިސް ޔުނިވާސް 2021ގެ ލަގަބު އިންޑިއާއަށް ހޯދައިދިން ޗަންދީގަރަށް ނިސްބަތްވާ ހަރްނާޒް ސަންދޫ މަސައްކަތަށް ފަރުވާކުޑަވާތީ އާންމުން އޭނާއަށް ފާޑުކިޔަން ފަށައިފި އެވެ.

ހަރްނާޒް މިސް ޔުނިވާސްގެ ލަގަބު ކާމިޔާބުކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ މުބާރާތުގައި ބައިވެރިވި 80 އަށްވުރެ ގިނަ ބައިވެރިންނާ އެކި ދާއިރާތަކުން ވާދަކޮށް ކުރި ހޯދައިގެންނެވެ.

އެ މުބާރާތުގައި ހަރްނާޒް ބައިވެރިވި ނަމަވެސް، މަޝްހޫރުކަމާއި ތަނަވަސްކަން ހާސިލްކުރުމަށްފަހު އޭނާ މުބާރާތުގެ ތެރެއިން ވެފައިވާ އެއްވެސް ވައުދެއް ނުފުއްދާކަން ފާހަގަކޮށް، އާންމުން ބުނީ ހަރްނާޒަކީ ބަހުގެ އިތުބާރު ނުހިފޭ މީހެއްކަމަށެވެ.

މީގެ އިތުރުން، ހަރްނާޒް ކުރުމަށް ސޮއިކޮށްފައިވާ އެއްވެސް މަސައްކަތެއް ނުކުރާކަން ވަނީ ހާމަވެފަ އެވެ. އަދި އެކަމުގެ ސަބަބުން އޭނާއާ އެކު މަސައްކަތް ކުރަން ތިބި ގިނަ ބަޔަކަށް މާލީ ގޮތުން ގެއްލުންތަކާއި ކުރިމަތިލާން ޖެހުނުކަމަށްވެސް ހަބަރުލިބެ އެވެ.

މިސް ޔުނިވާސްގައި އިންޑިއާ ތަމްސީލުކޮށްދިން ހަރްނާޒް ފާހަގަކޮށްލެވުނީ، އެންމެންނާއި ހިލާފަށް ހަރްނާޒްގެ ފަރާތުން ފެންނަމުން ދިޔަ ކެރުމާއި ކޮންފިޑެންސްގެ ސަބަބުންނެވެ. އަދި އޭނާގެ ވާހަކަ ދެއްކުމުގެ ހުނަރަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.