އިޒްރޭލުގައި ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްޓަކައި، އެ ޤައުމުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީއާއި އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓްގެ ޔަޝާރް ޕާޓީއާ ދެމެދު އާދީއްތަ ދުވަހު ބޭއްވި މަޝްވަރާތައް އެއްވެސް އެއްބަސްވުމަކާ ހަމައަށް ނާދެވި ނިމިއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ދެ ފަރާތުން ވެސް ދޫދޭންޖެހޭ މި އެއްބަސްވުމާ ގުޅޭގޮތުން ތެލް އަވީވް ކައިރީގައި އޮންނަ ހަރްޒިލިޔާގެ ހޮޓަލެއްގައި ދެ ޕާޓީގެ މަންދޫބުން ވަނީ ހަތަރު ގަޑިއިރު ވަންދެން ބައްދަލުވުން ކުރިއަށް ގެންގޮސްފަ އެވެ. މިއީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހު ދެ ޕާޓީގެ ދެމެދުގައި ކުރިއަށްދިޔަ މިފަދަ ދެވަނަ ބައްދަލުވުމެވެ.

މަޝްވަރާތަކަށްފަހު ދެ ޕާޓީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މުހިންމު މައްސަލަތަކާ މެދު ދެ ފަރާތުގެ ވިސްނުން ހުރިގޮތް ތަފްސީލުކޮށް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އިތުރު ބައްދަލުވުމެއް ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނި ނަމަވެސް، އެ ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

އޮކްޓޫބަރު މަހު ބޭއްވި އިންތިހާބުގައި އެއްވެސް ފަރާތަކަށް އަޣުލަބިއްޔަތު ލިބިފައި ނުވާއިރު، އަސްކަރިއްޔާގެ ކުރީގެ ވެރިޔާ އައިޒެންކޮޓަށް ސަރުކާރެއް އެކުލަވާލުމަށް ޑިސެމްބަރު 6 ގެ ނިޔަލަށް ވަނީ މުއްދަތު ދީފަ އެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި މި މުއްދަތު އިތުރު 14 ދުވަހަށް ދިގުދެންމިދާނެ އެވެ. ސަރުކާރެއް އުފެއްދުމަށް 61 ގޮނޑި ބޭނުންވާއިރު، އައިޒެންކޮޓްގެ ބްލޮކްގައި މިވަގުތު އޮތީ 48 ގޮނޑި އެވެ. އޭނާގެ ކޯލިޝަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހައްދުފަހަނައެޅި ޔަހޫދީ (އަލްޓްރާ-އޯތޮޑޮކްސް) ޕާޓީތަކާ ގުޅުމާއި، އަރަބި ޕާޓީތަކާއެކު މަސައްކަތްކުރުމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކެވެ.

ނަތަންޔާހޫ ބާރުއަޅަމުންދަނީ ދެ ބޭފުޅުންގެ މެދުގައި ބޮޑުވަޒީރުކަން ބަހާލައިގެން ވެރިކަންކުރާ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ނަތަންޔާހޫގެ މައްޗަށް އުފުލިފައިވާ ކޮރަޕްޝަންގެ ދައުވާތަކުން ސަލާމަތްވުމަށް ސިޔާސީ ހިމާޔަތް ހޯދުމާއި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގެ ޙަމަލާއާ ގުޅިގެން ސަލާމަތީގޮތުން ވީ އިހުމާލުތައް ބަލަން މިނިވަން ކޮމިޝަނެއް އުފެއްދުމަށް ހުރަސްއެޅުމެވެ. ނަމަވެސް، ނަތަންޔާހޫ އިސްވެ ހުންނަވާ ކެބިނެޓެއްގައި ބައިވެރިނުވާނެ ކަމަށް އައިޒެންކޮޓް ގެންދަވަނީ ވިދާޅުވަމުންނެވެ. އޭނާގެ ބައިވެރިޔާ، ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވެސް ވަނީ އެއްވެސް ހާލަތެއްގައި ނަތަންޔާހޫއާއެކު ކޯލިޝަނެއް ނުހަދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ލިކުޑް ޕާޓީން ވަނީ ހަރުކަށި ޝަރުތުތަކެއް ކުރިމަތިކޮށްފަ އެވެ. އޭގެ ތެރޭގައި ނަތަންޔާހޫއަށް އަމާޒުކޮށް ހިންގާ ފާޑުކިޔުންތައް ހުއްޓާލުމަށާއި، މަޖިލީހުގައި 19 ގޮނޑި ކާމިޔާބުކޮށްފައިވާ އަރަބި ޕާޓީތައް ސަރުކާރުން ބާކީކުރުން ހިމެނެ އެވެ. މީގެއިތުރުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ ދެކޮޅުހެދުމާއި، ގާޒާއާއި، ސީރިޔާ އަދި ލުބުނާނުގެ ބިންތަކުގެ މައްޗަށް އިޒްރޭލުގެ ކޮންޓްރޯލް ދެމެހެއްޓުމަށް އެއްބަސްވުން ފަދަ ކަންކަން ވެސް ލިކުޑްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މަޝްވަރާތައް ދިގުދެމިގެންދިޔުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ކުއްލި ހާލަތުގެ ގައުމީ ސަރުކާރެއް އެކުލަވާލަން މަޖިލީހަށް ހުށަހަޅަން ތައްޔާރަށް ހުންނެވި ކަމަށް އައިޒެންކޮޓް ވަނީ ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ ފުރަތަމަ މައިނޯރިޓީ ސަރުކާރެއް އުފެއްދުމަށްފަހު ފަހުން އެ ސަރުކާރު ފުޅާކުރުމަށެވެ. ނަމަވެސް، އަރަބި މެންބަރުންގެ ތާއީދާއެކު މިފަދަ ސަރުކާރެއް އުފެއްދުމަށް އައިޒެންކޮޓްގެ ބައިވެރިއެއް ކަމަށްވާ އަވިގްދޯރް ލީބާމަން ދެކޮޅު ހަދަމުންދާތީ، ސިޔާސީ މަސްރަޙު ވަނީ އިތުރަށް ގޮތްނޭނގޭ ފައްތަރަކަށް ވެއްޓިފަ އެވެ.