ކަތަމަންޑޫއަށް ނިސްބަތްވާ އަންޖޫ ކަޓިވަޑަ 2010 ވަނަ އަހަރު ނޭޕާލުގެ ޔެޓި އެއާލައިންސްއާ ޕައިލެޓެއްގެ ގޮތުގައި ގުޅުނީ އޭގެ ހަތަރު އަހަރު ކުރިން ވެއްޓުނު އެ އެއާލައިންގެ މަތިންދާ ބޯޓުގެ ޕައިލެޓުކަން ކުރި އޭނާގެ ފިރިމީހާގެ ހަނދާނުގަ އެވެ.

އެ ހާދިސާގައި އަންޖޫގެ ފިރިމީހާ މަރުވި އިރު އެ ހާދިސާވީ އޭވިއޭޝަންގެ ދާއިރާއަށް ވަނުމަށް އަންޖޫއަށް ލިބުނު އެންމެ ބޮޑު ހިތްވަރަށެވެ.

އެ ހިތާމަވެރި ހާދިސާގެ 16 އަހަރު ފަހުން އިއްޔެ އަންޖޫ ވެސް މަރުވީ އޭނާގެ ފިރިމީހާއެކޭ އެއްފަދައިން ޕައިލެޓްގެ ގޮނޑީގައި ބޮޑު ޒިންމާއަކާއެކު އިންދަ އެވެ.

ނޭޕާލްގެ ކަތަމަންޑޫއިން ފުރައިގެން ޕޮކަރަލްއަށް އިއްޔެ ދަތުރުކުރި ޔެޓި އެއާލައިންގެ ފްލައިޓް ވެއްޓިފައިވަނީ ބޯޓު ޖައްސަން މިނެޓު ކޮޅަކަށް ވެފައި ވަނިކޮށެވެ.

މި ހާދިސާގައި ދިރިހުރި އެއްވެސް މީހަކު އަދި ސަލާމަތް ކުރެވިފައި ނުވާއިރު އަންޖޫ ވެސް ވަނީ މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނިފަ އެވެ.

އަންޖޫ މަސައްކަތްކުގި ޔެޓީ އެއާލައިންސްގެ އޮފިޝަލަކު ބުނީ އޭނާގެ ފިރިމީހާ ދީޕަކް ޕޮކްރެލް މަރުވީ 2006 ވަނަ އަހަރު ކަމަށާއި އެ ދެމަފިރިންނަކީ ވެސް މަސައްކަތަށް ވަރަށް ފަރުވާތެރި ދެމީހުން ކަމަށެވެ.

"އޭނާ (އަންޖޫ) ޕައިލެޓްކަން ކިޔެވީ ފިރިމީހާ މަރުވުމުން ލިބުނު އިންޝުއަރެންސް ފައިސާއިން" އޮފިޝަލް ވިދާޅުވި އެވެ.

މަރުވުމުގެ ކުރިން 6000 ގަޑިއިރު އުދުހުން ފުރިހަމަ ކޮށްފައިވާ އަންޖޫއަކީ ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރާ ރަނގަޅު މުވައްޒަފެއް ކަމަށް އެއާލައިނުން ބުނެފައިވެ އެވެ.

ވެއްޓުނު މަތިންދާ ބޯޓުގެ ކަޅުފޮށި ފެނިފައިވާއިރު އޭގެ އެހީގައި ހާދިސާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ފުލުހުން ބުނެ އެވެ.