މިދިޔަ އަހަރު މަރާމާތު ކުރުމަށް ބަންދު ކުރި އާޓް ގެލެރީ ހުޅުވުން ލަސްވާތީ އާޓިސްޓުން ކަންބޮޑުވުން ފާޅުކުރަށް ފެށުމާއެކު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އާޓް ގެލެރީ ދޫކުރަން ފަށާނެ ކަމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އިން ބުނެފި އެވެ.

އެންސީއޭއިން ނެތުނު އިއުލާނެއްގައި ބުނެފައިވަނީ އަންނަ ފެބްރުއަރީ 15 އިން ފެށިގެން، މީގެ ކުރިން ވެސް އަމަލުކުރަމުުން އައި އުސޫލުން ގެލެރީ ބުކްކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅަން އޮންނަ ފޯމު މެދުވެރިކޮށް ކުއްޔަށް ހިފޭނެ ކަމަށެވެ.

އާޓް ގެލެރީ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމު އެންސީއޭއަށް ހުށައެޅުމުން ކަނޑައެޅިފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމާއި ހިލާފު ނުވާނަމަ އެފުރުސަތު އޮންނާނެ ކަމަށް އެއިއުލާނުގައި ވަނީ ބުނެފަ އެވެ.

އެންސީއޭއިން މިގޮތަށް ހާމަކޮށްފައިމިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާޓް ގެލެރީ ބަންދުކޮށްފައި ހުރުމުގެ ސަބަބުން ދިވެހި ފަންނުވެރިންގެ ކަންބޮޑުވުން އެކަމުގައި ފާޅުކޮށްފައިވަނިކޮށެވެ. އާޓް ގެލެރީ ބަންދުކޮށްފައިވަނީ އެތަނުގެ މަރާމާތުތަކެއް ކުރަންޖެހުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނެއް ގައި ބުނެފައިވަނީ އާޓް ގެލެރީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކުރެވިފައި ހުރުމުން ރާއްޖޭގެ ގިނަ ޕްރޮފެޝަނަލް ވިޝުއަލް އާޓިސްޓުންނަށް އެކަމުގެ ދަތިތައް ކުރިމަތިވަމުންދާކަމުގެ މައުލޫމާތު އެ ޖަމްއިއްޔާއަށް ލިބިފައި ވާކަމަށެވެ.

މި ބަންދާ ގުޅިގެން އެ ޖަމްޢިއްޔާގެ ފަރާތުން ރާވާ ހިންގަން ހުރި ގިނަ އާޓް އިވެންޓްތައް ވެސް ނުބޭއްވި ގިނަ ދުވަސްތަކެއް ވަމުންދާކަން ފާހަގަ ކުރަމުން އެ ޖަމިއްޔާ އިން ބުނީ ހާއްސަކޮށް ގިނަ ހުނަރުވެރި ޒުވާނުން ބައިވެރިވާ އެގްޒިބިޝަންތައް ނުބޭއްވި ލަސްވަމުންދާ ކަމަށެވެ.