ބެއިޖިން (ޖެނުއަރީ 17) - ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ޗައިނާގެ އާބާދީ މިދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދަށަށް ގޮސްފި އެވެ.

ޗައިނާގެ ސަރުކާރުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެގައުމުގެ އާބާދީ ހުރި 1،411،750،000ގަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 850،000ގެ ދަށްވުމެކެވެ.

2022 ވަނަ އަހަރު އެގައުމުގައި 9.56 މިލިއަން ކުދިން އަލަށް އުފަންވި އިރު 10.41 މިލިއަން މީހުން ވަނީ އެ އަހަރު ތެރޭގައި އެގައުމުން މަރުވެފަ އެވެ.

މީގެ ކުރިން އެންމެ ފަހުން ޗައިނާގެ އާބާދީ ދަށްވެފައިވަނީ 1960 ވަނަ އަހަރު އެވެ. އެ އަހަރު އެގައުމުގައި އަލަށް އުފަންވި ކުދިންގެ ނިސްބަތްވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ޗައިނާގައި މިފަހަކާ ޖެހެންދެން ކޮންމެ ދެމަފިރިއަކަށް އެންމެ ކުއްޖެއް ހޯދޭ ގޮތަށް ސިޔާސަތެއް ހަދާފައި އޮތެވެ. ނަމަވެސް އާބާދީ އިތުރު ވަމުން ދާ ނިސްބަތް ދަށްވުމާއެކު 2016 ވަނަ އަހަރު އެ ސިޔާސަތު އުވާލައި ކޮންމެ ދެމަފިރއަކަށް ގިނަވެގެން ތިން ކުދިން ހޯދޭ ގޮތަށް ސިޔާސަތު އިސްލާހު ކޮށްފައިވެ އެވެ.

އެހެން ނަމަވެސް ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ " ވަން ޗައިލްޑް ޕޮލިސީ"ގެ ސަބަބުން ކުދި އާއިލާތައް ގެންގުޅުމުގެ އާދަކާދައެއް ޗައިނާގައި އަށަގަނެފައިވާ ކަމަށާއި ގިނައިން ކުދިން ހޯދަން ހުއްދަ އޮތް ނަމަވެސް ގިނަ އާއިލާތަކުން އެކަން ބޭނުންނުވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މީގެ އިތުރުން ވެސް ޗައިނާގެ މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރު ވުމަކީ ވެސް އެގައުމުގައި އަލަށް ކުދިން އުފަންވާ ނިސްބަތް ދަށްވާން މެދުވެރިވި ސަަބަބެއް ކަމަށް ބުނެވެ އެވެ.

ޗައިނާގެ އާބާދީ ދިރާސާކުރާ ފަރާތްތަކުން ބުނީ އާއިލާތަކުން އިތުރު ކުދިން ހޯދަން ހިތްވަރުދީ ސަރުކާރުން ފިޔަވަޅުތަކެއް އަަޅަން ޖެހޭ ކަމަށާއި ނޫންނަމަ އާބާދީ ދާނީ ދަށްވަމުން ކަމަށެވެ.

ކުދން އުފަންވާ ނިސްބަތް ދަށްވުމަކީ ދިގު މުއްދަތުގައި އެގައުމުގެ ވަޒީފާ އަދާކުރާ އާބާދީ މަދުވެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވާނެ ކަމެއް ކަމުން އެއީ އިގްތިސާދަށް ގެއްލުންހުރި ކަމެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ.

އެގޮތުން އެކަށީގެންވާ ފިޔަވަޅުތައް ނޭޅިއްޖެނަމަ 2100 ވަނަ އަހަރާ ހަމައަށް ޗައިނާގައި ގިނަ ވާނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. -- އަލް އަރަބިއްޔާ