ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ)ގެ ވޭނަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގަތްއިރު ވޭން ދުއްވަން އިން ބިދޭސީ ޑްރައިވަރު ޑީޕޯޓްކޮށްލައިފި އެވެ.

އެ ވޭން މަގުމަތިން ދަނިކޮށް ހުއްޓުވައި ބަލައި ފާސްކޮށްގެން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން އަތުލީ މިމަހުގެ 11 ވަނަ ދުވަހުގަ އެވެ.

ފުލުހުން އެ ވޭން ބަލައި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތައް ނަގާ މަންޒަރު ފެންނަ ވީޑިއޯވެސް ސޯޝަލްމީޑިއާގައި އާންމުވެފައިވެ އެވެ. އެގޮތުން އެ ވީޑިއޯގައި ހަ ވަރަކަށް ބަނގުރާ ފުޅި ފެންނައިރު، އެއީ ވޮޑްކާ ފުޅިތަކެއް ކަމަށް ބެލެވެ އެވެ.

އެ ފުޅިތަކާއި އެކު ވޭން ދަތުރުކުރަނިކޮށް ހުއްޓުވާފައިވަނީ ހުޅުމާލެއިން ކަމަށް މަންޒަރު ދުށް މީހުން މައުލޫމާތުދީފައިވެ އެވެ.

ފަހަކަށް އައިސް ބަނގުރާއާއި ބަނގުއާވި މާލޭ ސަރަހައްދުގައި ގެންގުޅޭ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.