ކަރީނާ ކަޕޫރާއި ބިޕާޝާ ބާސޫ އަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދީފައިވާ ދެފަންނާނުންނެވެ.

އެހެންނަމަވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މިދެފަންނާނުންނަކީ އެކަކު އަނެކަކުދެކެ އިންތިހާއަށް ނަފްރަތުކުރާ ދެފަންނާނުންނެވެ. ބިޕާޝާ އާއި ކަރީނާއާ ދެމެދު ހަމަނުޖެހުން ހިނގި ދުވަސްވަރު ބޮލީވުޑްގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އެ ދެމީހުންގެ އަރައިރުމުގެ ވާހަކަތަކެވެ.

އެދެމީހުންގެ ކޯޅުން އެންމެ ފުރަތަމަ ފެށުނީ، ދެތަރިން އެކުގައި ކުޅުނު ފިލްމު "އަޖްނަބީ"ގެ ސެޓުންނެވެ. އެގޮތުން ބިޕާޝާ އާއި ކަރީނާގެ ކޮސްޓިއުމް އޮޅުމާ ގުޅިގެން ނޭނގުމެއްގެ ތެރެއިން ބިޕާޝާއަށް ކަރީނާގެ ހެދުމެއް ލެވުނެވެ. އެކަމުގެ ސަބަބުން ރުޅި އައިސް ކަރީނާ ވަނީ ބިޕާޝާގެ މޫނުމަތީގައި ޖަހާފަ އެވެ. ނަމަވެސް ފިލްމު އިންޑަސްޓްރީގައި ބާރުގަދަ، ކަޕޫރު ޚާންދާނަށް ނިސްބަތްވާ ކަރީނާ ކުރި އެ އަމަލާ ދެކޮޅަށް ޕްރޮޑަކްޝަނުންނާއި ކާސްޓަށް އެއްވެސް ކަމެއް ކުރާކަމަށް އޭރަކު ނުކެރުނެވެ.

އެއަށްފަހު ކަރީނާ ވަނީ އިންޓަވިއުއެއްގައި ބިޕާޝާއާ ދިމާލަށް، އޭނާ އަކީ ކަޅު ބުޅަލެއް ކަމަށް ވެސް ބުނެފަ އެވެ.

ކަރީނާގެ މި އިބާރާތް މުޅި މީޑިއާތަކުގައި އޮތެވެ. ހަމައެހެންމެ އެކަމުގެ ހަބަރު ބިޕާޝާއަށް ލިބުމާއެކު އޭނާ ވެސް ކަރީނާ އާއެކު އިތުރަށް އެއްވެސް ފިލްމެއް ނުކުޅުމަށް ނިންމައި އެކަން އިއުލާނުކުރި އެވެ.

ކޮންމެ އަކަސް އެދެފަންނާނުންނަކީ މިހާރު ބޮލީވުޑްގައި ފާހަގަކޮށްލެވޭ ދެ ފަންނާނުންނެވެ. ދެ ފަންނާނުން ވެސް އާންމުންގެ ތެރޭގައި ބޮޑަށް މަގުބޫލުވެފައި ވަނީ އެ ދެފަންނާނުންގެ ރީތިކަމާއި، ހުނަރަށެވެ.