ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކުރެވި އަދި ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައިވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ބަދަލުތަކެެއް ގެންނަން ޝަރުތުކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި އަލީ ހާލިދު އަލުން އައްޔަންކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ވެސް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލީ ޚާލިދު ދެވަނަ ފަހަރަށް އައްޔަންކުރިއިރު، ޗެއާމަނަކަށް ހުންނެވި އިބްރާހީމް ހިލްމީ ވެސް ވަނީ ދެވަނަ ދައުރަކަށް އައްޔަންކޮށްފަ އެވެ.

ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މ. ފިނިފަރު، އަލީ ޚާލިދު އިއްޔެ އެ ބޯޑުން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކުރީ ދައުލަތުގެ ވިޔާފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކަމަށް ވެސް ޕީސީބީން ބުންޏެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމުގެ ދެވަނަ ދައުރަކަށް އަލީ ޚާލިދު އައްޔަނުކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީސީބީގެ ރައީސް އާސިމް މުހައްމަދެވެ.

ޚާލިދަކީ އޮސްޓްރޭލިއާގެ ސްޓަޓް ޔުނިވާސިޓީން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އަލީ ހާލިދު މަގާމަށް އައްޔަންކުރުމަށްފަހު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޕީސީބީން ކުރިއަށްގެންދިޔަ ޕީއެސްއެމްގެ ފައިނޭންޝަލް އަދި ގަވާނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ހިއްސާކޮށް އެކަންކަން އިސްލާހު ކޮށްދެއްވުމަށާއި، ކުންފުނި ހިންގުމުގައި މިހާރު ދިމާވެފައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއްދެއްވާ އެކަންކަން ހައްލުކޮށްދެއްވުމަށް ޕީސީބީއިން އިރުޝާދުދެއްވާފައިވާ ކަމަށެވެ. އަދި ޕީސީބީއިން ފާހަގަކުރި ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވާފައިވާ ކަމަށް އެ ބޯޑުން ބުނެ އެވެ.

ޕީއެސްއެމްގެ ޗެއާމަނަކަށް ތ. ވިލުފުށީ ހުސްނުހީނާގެ، އިބްރާހީމް ހިލްމީ ދެވަނަ ދައުރަކަށް އައްޔަނުކޮށް އެކަމުގެ ލިޔުން ވެސް އިއްޔެ ހަވާލުކޮށްފައިވެ އެވެ. ހިލްމީއަކީ އިންޓަނޭޝަނަލް ބިޒްނަސް އޯވަސީސް އިން ޑިޕްލޮމާއިން ސޮފްޓްވެއާ އިންޖިނިއަރިން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޚާލިދު އަދި ޗެއާމަން ކަމުގެ މަގާމަށް ހިލްމީ ދެވަނަ ދައުރަކަށް އައްޔަނުކުރިއިރު، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި މުހައްމަދު ޝަމީމުގެ ދައުރު މިދިޔަ މަހު ހަމަވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓެރީގެ މަގާމަށް ފަހުން ވަނީ އައްޔަންކުރައްވާފަ އެވެ.

އަލީ ހާލިދާއި ހިލްމީ އަލުން މަގާމަށް އައްޔަންކުރިއިރު ޕީއެސްއެމް އިން ނުދައްކާ ހުރި ކަރަންޓް ބިލްތަކަށް 80 މިލިއަން ރުފިޔާ އަރާފައިވެ އެވެ. 22 މީޓަރު ހުންނަ ކުންފުނިން 2019 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ކަރަންޓް ބިލް ދައްކަނީ ޕީއެސްއެމްގެ އެންމެ މީޓަރަކުން ކަމަށްވެ އެވެ.

ފިނޭންސް މިނިސްޓްރީ އޮކްޓޯބަރު 4، 2021 ގައި ވަނީ ކަރަންޓް ބިލުތައް ދެއްކުމަށް 12 މިލިއަން ރުފިޔާ އެކުންފުންޏަށް ހަމަޖައްސައިދީފައިވެ އެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން ޕީއެސްއެމުން ދެއްކީ އަށް މިލިއަން ރުފިޔާ އެކަންޏެވެ. އަދި ބާކީ ހަތަރު މިލިއަން ރުފިޔާއަށް ޕީއެސްއެމްއިން ހެދި ގޮތެއް ނޭނގޭ އެވެ.

އެ ކުންފުނީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިކުރި އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް ވެސް ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފަ އެވެ. އޭނާ ވަކިކުރީ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލުމަށްފަހު އެވެ. މީގެ އިތުރުން ޕީއެސްއެމްގެ ތެރޭގައި ހިންގި ކަމަށް ތުހުމަތުކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓާ ޕްރައިސަސް ކޮމިޓީ (އެސްއޯއީ) ބަލަން ފަށާފައިވެ އެވެ. އެ ހިޔާނާތުގެ މައްސަލަ ބަލަން ފެށުމުން އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައި އެ މަސައްކަތް އައުޓް ސޯސްކޮށްފައިވެ އެވެ.