އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަދަކޮށް ހުންނެވުމުން ދޭހަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އޯގާތެރިކަން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ، އިދިކޮޅު ލީޑަޝިޕުން ބައްދަލު ކުރައްވާ ރައީސް ޔާމީން ހުންނެވީ ގަދަކޮށް ކަމަށް ވިދާޅުވުމުންނެވެ.

އެކަމަށް އިޝާރާތްކުރައްވަމުން އިދިކޮޅުން ކުރި ޓްވީޓެއް، ރިޓްވީޓް ކުރައްވައި އިމްރާން ވިދާޅުވީ ޒާތީވެ ބަދަލުގައި ހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ގަދަކޮށް ހުންނެވުމުން އެކަމުން އަންގައިދެނީ ރައީސް ޞާލިހްގެ އޯގާތެރިކަމާއި ހިތް ތިރިކަންކަމަށް އިމްރާން ވިދާޅުވި އެވެ.

"މިކަމުން އަންގައިދެނީ އަޅުގަނޑު ޖަލުގައި ހުރި އިރު ކިތަންމެ އިހާނެތިކޮށް ކަން ކުރި ނަމވެސް އަޅުގަނޑުމެން ޒާތީވެ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭކަން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިތްތިރިކަމާއި އޯގާވެރިކަން" އިމްރާން ވިދާޅުވި އެވެ.

އިދިކޮޅުން ރައީސް ޔާމީން އާއި ބައްދަލު ކުރެއްވުމަށްފަހު ވަނީ ރައީސް ޔާމީން ހެޔޮ ހާލުގައި، ގަދަކޮށް ހުރިކަމަށާއި، އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސާނެކަމަށް ބުނެފަ އެވެ. އަދި އެ ޕާޓީގެ ސަޕޯޓަރުން މާޔޫސްނުވެ ގަދަކޮށް ތިބުމަށް ރައީސް ޔާމީން އެދިވަޑައިގަނެފައިވާ ކަމަށް ރައީސް ޔާމީން އާއި ބައްދަލު ކުރެއްވުމަށްފަހު އިދިކޮޅުން ބުނެފައިވެ އެވެ.