މުމްބާއި (22 ޑިސެމްބަރު ) - އިނގިރޭސިވިލާތުން އިންޑިއާއަށް ދިޔަ ފްލައިޓަކުން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ އޭވިއޭޝަން މިނިސްޓްރީން ބުނީ ހޯމަ ދުވަހު އިނގިރޭސިވިލާތުން އިންޑިއާގެ ނިއުދިއްލީ އަށް ދިޔަ ފްލައިޓެއްގެ 266 ފަސެންޖަރުންގެ ތެރެއިން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެކަމަކު އެ މީހުން ޕޮޒިޓިވްވެފައި ވަނީ އިނގިރޭސިވިލާތުން ފެނުނު އާ ސްޓެރެއިން އަށް ކަމަށް އަދި ޔަގީން ނުވާ ކަމަށާއި ނޭޝަނަލް ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އިން އެކަން ބަލަމުން ގެންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އައު ސްޓްރެއިން އާއި ގުޅިގެން އިންޑިއާ އިންވެސް ވަނީ އިނގިރޭސި ވިލާތުން ފްލައިޓް އައުން ބުދަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ހުއްޓުވާފަ އެވެ. މައުލޫމާތު ލިބޭގޮތުގައި މި ގޮތަށް ނިންމި ފަހުން ތިން ފްލައިޓް އިނގިރޭސިވިލާތުން އިންޑިއާ އަށް އައިސްފައިވެ އެވެ.

އިންޑިއާ އަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް ރޯގާއަށް ފޮޒިޓިވްވެފައިވާ ގައުމެވެ. އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން އިންޑިއާއިން މި ރޯގާއަށް 10.1 މިލިއަން މީހުން ޕޮޒިޓިވް ވެފައިވެ އެވެ. އަދި މި ރޯގާ ޖެހިގެން 146،000 މީހުން މަރުވެފައިވެ އެވެ. އަރަބް ނިއުސް