ބޮލީވުޑްގައި 2000ގެ ކުރީކޮޅު އެންމެ ވިދާލި އެއް ބަތަލެއްގެ ގޮތުގައި ޖޯން އަބްރަހަމް ހިމެނެ އެވެ. އޭނާއަކީ އޭނާގެ ރީތިކަމާއި މޮޅު އެކްޓިން އިން އެތަކެއް އަންހެނުންގެ ހިތް ދަމައިގެން ފިރިހެނެކެވެ. ޖޯން ވަނީ ގިނަ ހިޓް ފިލްމުތަކެއް ކުޅެދީފަ އެވެ.

އޭނާ އާއެކު ބިޕާޝާ ބާސޫ ލޯބީގެ ގޮތުން ގުޅުނުއިރު، ބިޕާޝާ އާއި ޖޯންގެ ޖޯޑު ވެގެންދިޔައީ ބޮލީވުޑްގައި ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ލިބުނު ޖޯޑަކަށެވެ. އެހެން ނަމަވެސް ދުވަސްތަކަކަށްފަހު އެދެ މީހުން ވަކިވުމުން ގިނަ ބަޔަކު އެކަމާ ނުރުހުން ވެސް ފާޅުކޮށްފައިވެ އެވެ. އެހާ ވެސް އެ ދެމީހުންގެ ޖޯޑަށް މީހުންގެ ސަޕޯޓު ލިބުނެވެ.

އެ ދެމީހުންގެ ގުޅުމަށް ނިމުން އައި ސަބަބު ދެތަރިން ވެސް ކިޔައިދީފައިވާއިރު، ދެތަރިންގެ ފަރާތުން ވެސް އިވުނީ ތަފާތު ދެ ވާހަކައެކެވެ. އެގޮތުން ޖޯން ބުނިގޮތުގައި ބިޕާޝާއާ ގުޅުން ކަނޑާލަން ޖެހުނީ، އޭނާ ކައިވެނީގެ ގޮތުން ގުޅެން ބޭނުންވުމުންނެވެ. އަދި އޭރު ޖޯން އެކަމަށް ތައްޔާރުނުވުމުގެ ސަބަބުން ދެމީހުން އެއްބަސްވެގެން ގުޅުން ނިމުމަކަށް ގެނައީ ކަމަށް އޭނާ ބުނެފައިވެ އެވެ.

ނަމަވެސް ބިޕާޝާ މިކަމާ ގުޅިގެން ކިޔައިދީފައި ވަނީ މުޅިން ތަފާތު ވާހަކަތަކެކެވެ. އެގޮތުން ޖޯން އާއި ބިޕާޝާ އޭރު އުޅުނީ ވަރަށް ލޯބިން ކަމަށާއި، އެދެމީހުންގެ ގުޅުން ކެނޑެން ދިމާވި ސަބަބަކީ ޖޯން ބިޕާޝާއަށް ބޭވަފާތެރިވުން ކަމުގައި ބިޕާޝާ އިންޓަވިއުދީ ކިޔައިދީފައިވެ އެވެ.

ބިޕާޝާ ބުނިގޮތުގައި ޖޯން ބިޕާޝާއަށް ބޭވަފާތެރިވީ، ޖޯންގެ މިހާރުގެ އަންހެނުން ޕްރިޔާ ރަންޗަލްއާއެކު އެވެ. ނަމަވެސް މި ވާހަކަތަކަށް ޖޯން ދެކޮޅުހެދި އެވެ.

ޖޯން އަބްރަހަމް ޕްރިޔާ ރަންޗަލްއާ ކައިވެނި ކުރި އިރު، ބިޕާޝާ ކައިވެނި ކުރީ އިންޑިއާގެ އެކްޓަރެއް ކަމުގައިވާ ކަރަން ސިންގް ގްރޯވަރާ އެވެ.