(22 ޑިސެމްބަރު)- އިނގިރޭސިވިލާތް އަދި ސައުތު އެފްރިކާ އިން ފެނުނު ކޮވިޑް ވައިރަސްގެ އައު ސްޓެރެއިންއާ ހަނގުރާމަކުރެވޭނެ ވެކްސިނެއް ހަ ހަފްތާ ތެރޭގައި އުފެއްދޭނެ ކަމަށް ބަޔޯ އެން ޓެކްގެ ކޯ ފައުންޑާ ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ފިޒީޝަން އަދި ބަޔޯ އެން ޓެކް ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ އޫރު ސާހިން ވިދާޅުވީ ކޮވިޑް ވައިރަސްއަށް ބަޔޯ އެން ޓެކް އަދި ފައިޒާ އިން އުފައްދާފައިވާ ވެކްސިން މި އައު ސްޓެރެއިންއަށް ވެސް ރަނގަޅުވާނެ ކަމަށާއި އެހެން ނުވާނަމަ އެކަމަށް އެކަށޭނެ ވެކްސިނެއް ހަ ހަފްތާ ތެރޭގައި އުފެއްދޭނެ ކަމަށެވެ.

ސާހިން އިތުރަށް ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުން ފެނުނު އައު ސްޓްރެއިންގައި ނުވަ މިއުޓޭޝަން ހުރި ކަމަށާއި އެއީ އާންމު ކަމެއް ކަމަށެވެ. އަދި ކޮވިޑް ވެކްސިނަށް މި ވޭރިއަންޓާއި ދެކޮޅަށް ވެސް މަސައްކަތްކުރެވޭނެ ކަމަށާއި ސަބަބަކީ ކޮވިޑް ވެކްސިންގައި 1000 އަށް ވުރެގިނަ އެމިނޯ އެސިޑް ހިމެނޭ ކަމަށާއި އޭގެ ތެރެއިން ބަދަލުވީ ހަމަ އެކަނި 9 ޕަސެންޓް ކަމަށާއި، އެހެންކަމުން 99 ޕަސެންޓް ޕްރޮޓީން އަކީ އަދިވެސް ހަމަ ކުރީގެ ޕްރޮޓީން އެވެ.

"ސައިންޓިފިކް ގޮތުން ބަލަންޏާ ވަރަށް ޔަގީން ވެކްސިން އައު ސްޓެރެއިން އާއި ދެކޮޅަށްވެސް މަސައްކަތް ކުރާނެ ކަމަށް، އެކަމަކު ޔަގީން ކަމާއެކު ސާބިތު ކުރެވޭނީ ޓެސްޓްތަކުގެ ނަތީއްޖާ ލިބުމުން. ގާތްގަނޑަކަށް ދެހަފްތާ ތެރޭގައި ނަތީއްޖާ ލިބޭނެ،" ސާހިން ވިދާޅުވި އެވެ. – ބެރޮންސް