ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ އާއިލާގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

ހ. އަނދުންގޭގައި ދިރިއުޅޭ އެންމެން މިއަދު ވަނީ ރައީސް ނަޝީދާ ބައްދަލުކުރައްވާފަ އެވެ.

އެގޭގައި ދިރިއުޅޭ އެންމެން ވަނީ ނަޝީދާއެކު ފޮޓޯއެއް ވެސް ނަގައިފަ އެވެ. އެކަމަކު އަދުން ހުސައިން ތާއީދު ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. އެންމެފަހުން ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން ބޭއްވި ބޮޑު ޖަލްސާގައި ވެސް އެމަނިކުފާނަށް ތާއީދު ކުރައްވައި އޭނާ ވާހަކަ ދެއްކެވި އެވެ.

އަދުން ހުސައިނަކީ ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ރައީސް ސޯލިހުގެ ފެކްޝަނާ ގުޅުނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނަމަވެސް އެ ވާހަކަތައް ދޮގު ކުރައްވައި އަނދުން ހުސެއިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ އާއިލާގެ އެއްވެސް މީހަކު އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އޭނާ އާއި އާއިލާގެ ތާއީދު އޮތީ ރައީސް ސޯލިހަށް ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

"ކުޑަ ކުދިންނާ އެކު އާއިލާ ހަވީރު ސައިބޯން ތިއްބާ ވަޑައިގަނެ، ފޮޓޯއެއް ނަގާ ސިޔާސީ ބޭނުމަށް އެ ފޮޓޯ ބޭނުން ކުރުމަކީ ދަށު ދަރަޖައިގެ ކަމެއް. މާފަށް އެދިވަޑައިގަތުމަށް ގޮވާލަން،" ހުސެއިން ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕޭންގެ ފޯރި ވަނީ ވަރަށް ގަދަވެފަ އެވެ. އެގޮތުން ނަޝީދާއި ރައީސް ސޯލިހު ވެސް ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތަކެއް ދެއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވަނީ މިހާރު އޮތް ކޯލިޝަނާއެކު އިންތިޚާބަށް ވަޑައިގެންނެވޭނެ ހަމައެކަނި ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ. އަދި ނަޝީދު ވަކާލާތު ކުރައްވަނީ ގިނިކަންޏާ ނުކުމެ އިންތިހާބު ކާމިޔާބު ކުރުމަށެވެ.