ށ. ފޯކައިދޫއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ރަށުގެ ބައެއް ގެތަކުގައި ފެންބޮޑުވެއްޖެ އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ، ރޭ ދަންވަރު 12 އިން ފެށިގެން އެރަށަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން އެރަށުގެ އެންމެ އުތުރުގެ ސަރަހައްދުގައި ފެންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސިފް ވިދާޅުވިގޮތުގައި ފެން ވަދެފައިވަނީ ހަ ގެއަކަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ހިފާ ގެންގުޅޭ ބައެއް ސާމާނުތަކަށް ގެއްލުންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާސިފް އިތުރަށް ވިދާޅުވިގޮތުގައި ފެން ވަދެފައިވާ ގެތައް ހުންނަނީ ރަށުގެ އެންމެ އަޑި ސަރަހައްދުގަ އެވެ. އަދި ބޯކޮށް ވާރޭވެހިއްޖެ ނަމަ، އެ ސަރަހައްދު ފެންބޮޑުވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށުގެ ކައުންސިލުންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ އެ ގެތަކުން މިހާރު ފެން ހިއްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ. އަދި މޫސުން ރަނގަޅުވެ އަލިވާނީ އަންނަ ބުރާސްފަތި ދުވަހުން ކަމަށް މެޓުން ބުނެފައިވެ އެވެ.