ވިޖޭ ދެވަރަކޮންޑަ އާއި ރަޝްމިކާ މަންޑަންނާ ލޯބީގެ ގޮތުން ގުޅުމަށްފަހު އެކީގައި ދަތުރަކު ދިއުމާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ރަޝްމިކާ ރައްދުދީފި އެވެ.

މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ނޫސްތަކުގައި ދެތަރިން ލޯބީގެ ގޮތުން ގުޅުނުކަން ދެތަރިން ވެސް ހާމަކޮށްފައިވާއިރު، އެ ދެތަރިން ވެސް ދެ އަހަރު ދުވަހު އެކީގައި އުޅެފައިވެ އެވެ. ނަމަވެސް ދެ އަހަރަށްފަހު ދެ ތަރިން ވަކިވީ ކޮން ސަބަބަކާ ހެދި ކަމެއް ސީދާ އެ ދެ ތަރިން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެއަށް ފަހުން ދެ ތަރިން އެކީގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުވުމާއެކު އަނެއްކާ ވެސް ރަޝްމިކާ އާއި ވިޖޭ ލޯބީގެ ގޮތުން ގުޅުނުކަމަށް އާންމުންނަށް ހީވި އެވެ. އަދި ރާއްޖެއަށް ގޮސްފައިވަނީ އެދެތަރިން ސިއްރުން ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ދާދި ފަހުން ރަޝްމިކާ ރައްދުދީފައިވާއިރު، އޭނާ ބުނީ، ވިޖޭއާ އެކީ ޗުއްޓީ ހޭދަކުރަން ދިއުމަކީ މައްސަލައަކަށް ނުވާކަމަށެވެ. އަދި އެދެމީހުންގެ މެދުގައި އޮތީ ހަމައެކަނި ރަހުމަތްތެރިކަން ކަމުގައި ރަޝްމިކާ ބުނެފައިވެ އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސައުތުގެ މި ދެ ތަރިންގެ ޖޯޑު އާންމުންނަށް ކަމުގޮސްފައި ވަނީ އެ ދެ ތަރިންގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ގީތާ ގޮވިންދަމް" އާއި "ޑިއާ ކޮމްރޭޑް" އިންނެވެ.