ތެހްރާން (29 ޖެނުއަރީ) އީރާނުގެ މެދުތެރޭގެ އަވަށެއް ކަމަށްވާ އިސްފަހާންގައި ހުންނަ އަސްކަރީ މަރުކަޒަކަށް ޑްރޯނުން ހަމަލާދީފި އެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގެ ވަގުތެއްގައި އަސްކަރީ ސައިޓަށް ދިން ޑްރޯން ހަމަލާއަކީ ނާކާމިޔާބު ހަމަލާއެއް ކަމަށެވެ.

"އޭގެ ތެރެއިން އެއް ޑްރޯން އެއާ ޑިފެންސް ސިސްޓަމްއަށް އަމާޒުވިއިރު އިތުރު ދެ ޑްރޯން ވަނީ ޑިފެންސް ޓްރެޕްގައި ޖެހި ގޮވާފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަމަލާގެ ތުހުމަތު އީރާނުން އެއްވެސް ޖަމާއަތަކަށް ނުވަތަ ގައުމަކަށް ކޮށްފައި ނުވާއިރު ފާއިތުވި މަސްތަކުގެ ތެރޭގައި އެގައުމުގެ އަސްކަރީ އަދި ނިއުކްލިއާ ސައިޓުތަކަށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.

ރޭގެ މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ނުވި ނަމަވެސް ސައިޓުގެ އެކި ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އިޔާދަކުރަން އެމެރިކާއާއި ހުޅަނގުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅު އިޒްރޭލުން ވަނީ އީރާނުން ނިއުކްލިއާ ހަކަތަ އުފެއްދުން ކުރިއަށް ގެންދާނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފަ އެވެ. – އަލް އަރަބިއްޔާ