ފިލްމު "މިލީ"ގެ ޝޫޓިން ނެގުމަށް ފްރީޒަރެއްގެ ތެރޭގައި ހޭދަކުރި ވަގުތުތަކަކީ ކެތްނުކުރެވޭހާ ވޭނުގައި ހޭދަކޮށްފައިވާ ވަގުތުތަކެއް ކަމުގައި އެ ފިލްމުގެ ބަތަލާ މަޝްހޫރު ފިލްމީ ތަރި ޖާންވީ ކަޕޫރު ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޖާންވީ ވަނީ ފިލްމާ ގުޅޭ ބައެއް ވާހަކަތައް އާންމުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން ފިލްމުގެ ބޮޑުބައެއް ކުޅެން ޖެހުނީ މައިނަސް 15 ގައި ހުރި ފްރީޒަރެއްގެ ތެރޭގައި ކަމަށް އޭނާ ބުނެފައިވެ އެވެ.

އެ ފިލްމުގައި އޭނާ ދައްކުވައިދިން އެކްޓުން، ފިލްމުގެ ކެރެކްޓާއެކޭ އެއްފަދައިން ފްރީޒަރުގެ ފިނީގެ ސަބަބުން ތަހައްމަލްކުރަން ޖެހުނު ވޭން އޭނާ ވެސް ތަޖުރިބާކުރަން ޖެހުނު ކަމަށް ޖާންވީ ބުނެފައިވެ އެވެ.

ޖާންވީ ބުނީ އޭނާގެ މުޅި ގައިގައި ޕްލާސްޓިކް ފޮއިލް އެޅުމުގެ ސަބަބުން އިރުއިރު ކޮޅުން ފާހާނާއަށް ނުދެވި އެތައް އިރަކަށް ދިގުދެމިގެންދިޔަ ކަމަށެވެ.

ހަމައެހެންމެ ފިނީގެ ސަބަބުން އޭނާގެ ހަށިގަނޑުގައި ފެން މަދުވަމުން ދިޔަ ކަމަށާއި، އޭގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ޔޫޓީއައި (ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން) ޖެހުނު ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ވެސް ގިނަ ވަގުތުތަކުގައި ފިނީގެ ސަބަބުން އޭނާގެ ހަށިގަނޑަށް އެކި ކަހަލަ ގެއްލުން ލިބުނުކަން ޖާންވީ ހާމަކޮށްފައިވެ އެވެ.

ޖާންވީ ބުނީ، ފްރީޒަރުގެ ފިނިމިން ގަދަކޮށް ބެހެއްޓުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ގެއްލުން ލިބުނު ނަމަވެސް، އެއީ އެ ރޯލުގައި އޭނާ ދައްކައިދޭ އެކްޓު އިތުރަށް ފުރިހަމަ ކޮށްދޭނެ ކަމަކަށް ވެފައިވާ ކަމަކަށެވެ.

ފިލްމު މިލީއަކީ 2019 ވަނަ އަހަރު ނެރުނު މަލަޔާލަމް ފިލްމު "ހެލެން"ގެ ރިމޭކެކެވެ. މީގެ ހިންދީ ފިލްމު މާތުކުއްޓީ ޒާވިއާ ޑައިރެކްޓުކޮށްފައިވާއިރު، ފިލްމު ރިލީޒްކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.