މިދުވަސްވަރު ބޮލީވުޑްގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ މަޝްހޫރު ދެ ތަރިން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާތު މަލްހޯތްރާގެ ކައިވެނީގެ ވާހަކަ އެވެ. މިއީ މީޑިއާގައި ކޮންމެ ދުވަހަކު ސުރުހީ އަޅަމުން އަންނަ ވާހަކައެކެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާއެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކިއާރާ އާއި ސިދާތު ކައިވެނީގެ ހަފްލާތައް މިހާރު ފެށިގެން ކުރިއަށްދާއިރު ތިން ދުވަހަށް ދިގު ދެމިގެންދާނެ އެވެ. އަދި މި ހަފްލާތައް ބާއްވަނީ ޖޭސަލްމޭރުގައި ހުންނަ އާސާރީ ހަވޭލީ ނުވަތަ ގަނޑުވަރެއްގަ އެވެ.

ސިދާތު އާއި ކިއާރާގެ ކައިވެންޏަށް ދައުވަތު ދީފައިވާ ވީވީއައިޕީ ގެސްޓުންގެ ސެކިއުރިޓީ މޮނިޓާ ކުރުމަށް ހާއްސަ ސެކިއުރިޓީ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ދެ ތަރިންގެ އާއިލާއާއި ގާތް ރަހުމަތްތެރިންނާއިއެކު މިއަދު ކައިވެނީގެ ހަފްލާތައް ފެށޭނެ އެވެ.

ކިއާރާ އާއި ސިދާތު ކައިވެނީގެ މައި ހަފްލާއަށް ލާނީ މަނީޝް މަލޯތުރާގެ ޑިޒައިނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކިއާރާ އާއި ސިދާތު ކައިވެނިކުރާ ގަނޑުވަރުގައި އެންމެ މަތީ ފެންވަރުގެ ކޮޓަރިތައް ހުރެ އެވެ. އެތަންތަނަށް ރެއެއްގެ މައްޗަށް 110،500 އިންޑިއަން ރުޕީސް ދައްކަން ޖެހެ އެވެ. އެންމެ އަގުހެޔޮ ކޮޓަރިއަށް ވެސް ރެއަކަށް 20،000 އިންޑިއަން ރުޕީސް ދައްކަން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ކައިވެނީގެ ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ފަރާތްތަކެއް ވެސް ބައިވެރިވާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ވަނީ އެމީހުންގެ އިންޑަސްޓްރީގެ މަދު ރައްޓެހިންނަށް ދައުވަތު ދީފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެސްޓް ލިސްޓަށް އިތުރުކުރި ނަންތަކަކީ ޑައިރެކްޓަރު ކަރަން ޖޯހަރު، ޕްރޮޑިއުސަރު އަޝްވިނީ ޔާދީ، ޝާހިދު ކަޕޫރު، ވަރުން ދަވާން، ވިކީ ކޯޝަލް، ކެޓްރީނާ ކައިފް، ރަކުލް ޕްރީތު އަދި ޖެކީ ބަގްނާނީ ފަދަ ތަރިންނެވެ.

ސިދާތާއި ކިއާރާ ޑޭޓްކުރަން ފެށީ، އެ ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު، "ޝޭރްޝާހް" ގެ ޝޫޓިންގެ ތެރެއިން ދިމާވެގެންނެވެ. ފިލްމުގައި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުގޮސްފައިވަނިކޮށް މި ތަރިން ޑޭޓްކުރަން ފެށި ހަބަރުން ސަޕޯޓަރުންނަށް އުފާވެރިކަން ލިބުނެވެ.