ރާއްޖެ އިސްލާމް ވުމުގެ ކުރިން އަޅުކަންކޮށް އުޅުނު ހިރިގަލުގެ ބުދެއް، ލ. ގަމުން އިއްޔެ ފެނިއްޖެ އެވެ.

މި ބުދު އިއްޔެ ފެނުނީ، ގަމު މުކުރިމަގު އަވަށުގައި މަސައްކަތެއް ކުރުމަށް ގެނެސްފައިވާ ކަޅުވެލިފުންޏެއް ފަތުރާލި ތަނުންނެވެ.

އެ ރަށުގައި ހުންނަ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ ބުނީ މި ވެލި ގެނެސްފައިވަނީ، އެ އަވަށުގެ ވަލުތެރޭގައި އެތައް އަހަރެއް ކުރިންސުރެ ހުންނަ ބޮޑު ވެލިފުންޏަކުންނެވެ.

އެ ބުދުގައި ގާތްގަނޑަކަށް 7 އިންޗި ހުއްޓެވެ. މި ބުދު މިހާރު އޮތީ އެ ރަށުގައި ހުންނަ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ބެލުމުގެ ދަށުގަ އެވެ.

އެ ޖަމިއްޔާއިން ލަފާކުރާ ގޮތުގައި އެއީ ރާއްޖެ އިސްލާމުވުމުގެ ވެސް މާ ކުރިން، ގާތްގަނޑަކަށް މީގެ 900 އަހަރު ކުރިން ބޭނުން ކުރި ބުދެކެވެ.

މީގެ ކުރިން މި ފަދަ ބުދެއް އެ އަތޮޅު ކަލައިދޫ ހުދާ މިސްކިތް ބޮޑުކުރުމުގެ މަސައްކަތްކުރި ސަރަހައްދުން ފެނިފައިވެ އެވެ. ގައުމީ ދާރުލްއާސާރުގައި ބަހައްޓާފައި ހުރި މި ފަދަ ބުދުތަކުގައި ޖަހާފައިވާ ތާރީހަށް ބަލާއިރު، މީގެ 10 ވަރަކަށް ގަރުނު ކުރީގެ ބުދުތައް ވެސް އެބަހުއްޓެވެ. ގަމުން މި ފެނުނު ބުދު ވެސް އެހާ ދުވަސް ވެދާނެ ކަމަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ލަފާކުރެ އެވެ.