މިދިޔަ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިޞޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ 7.6 އިން ސައްތައިން (.) އަހަރު ނިމުނުއިރު ވޯލްޑް ބޭންކުގެ އަންދާޒާ 7.6 އިންސައްތައިން 12.4 އިންސައްތައަށް މަތިކުރި (.) މިހިނގާ އަހަރަށް ރާއްޖޭގެ އިގްތިޞޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ 8.2 އިންސައްތައިން (.)
ކުރިއަށް އޮތްތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑުތަކުލީފެއް ކުރިމަތި ނުވާނެކަމުގެ އުންމީދު ހޯދިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކޯވިޑް 19 އާއި ހަނގުރާމައިގެ ހާލަތުން ދުނިޔޭގެ އިގްތިސޯދަށް އެރި ލޮޅުމުގެ އަސަރު ރާއްޖެއަށް ނުހަނު ބޮޑުވި ކަމަށެވެ. އަދި މި ކަމަށްޓަކާ ސަމާލުވެ ހޭލާތިބެ އަޅަންޖެހުނު މުހިންމު ފިޔަވަޅުތައް ސަރުކާރުން އެޅުއްވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސޯދުގެ ހަމަ ހިފެހެއްޓުމަށްޓަކާ މާލީ ސިޔާސަތަށް ގެންނަން ޖެހުނު ބަދަލު މިވަނީ ގެނެވިފައި. މިފިޔަވަޅުތަކާ އެކު ކުރިއަށް އޮތްތަނުގާ ކުރިމަތިވެދާނެ އިގްތިސޯދީ އަޑިގުޑަން ކުޑަކުރެވިއްޖެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ޖަނަވަރީ މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގާ އެއް މަސްތެރޭ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް ކަމަށާއި އެއީ 3.5 ބިލިއަން ރުފިޔާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކުރިއަށް އޮތްތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑުތަކުލީފެއް ކުރިމަތި ނުވާނެކަމުގެ އުންމީދު ހޯދިއްޖެ. އަދި ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގާ ދެމެހެއްޓޭނެކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 827 މިލިއަން ޑޮލަރުހުރި ކަމަށެވެ.