އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާ ތެރެއިން އަނިޔާވި ނޫސްވެރިޔާ އަދިވެސް ހޭނާރާކަން އެނގިއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވި ގަޑިއާ ދިމާކޮށް އިދިކޮޅުން ކުރި މުޒާހަރާގައި ޖުމްލަ 17 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު، އެ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އޭގެތެރޭގައި ދެ ނޫސްވެރިއަކަށް އަނިޔާވިއިރު، އިދިކޮޅުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، މަގުމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންހިފާފައިވާ ކަމަށެވެ. އެގޮތުން ފުލުހުން މެދުވެރިކޮށް ޕެޕާ ސްޕްރޭ ޖަހައި، އަނިޔާކޮށްފައިވާ ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ. އަދި މިކަން އިދިކޮޅުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އިދިކޮޅުން ހާމަކުރިގޮތުގައި އެމުޒާހަރާގެ ތެރެއިން އާންމުންގެ ހަތް މީހަކަށް ވަނީ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި އެނދުމަތިކުރެވިފަ އެވެ. އަދި އޭގެތެރެއިން އަނިޔާލިބުނު ޗެނަލް 13ގެ ނޫސްވެރިޔާ ހަސަން ޝަހީދު އައިސީޔޫގައި ފަރުވާދެމުން ގެންދާކަމަށް އިދިކޮޅުން ބުނެފައިވެ އެވެ.

އިދިކޮޅުން އިތުރަށް ބުނީ އަނިޔާލިބުނު ނޫސްވެރިޔާގެ ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށާއި، އަވަސް ގޮތަކަށް އޭނާ ރާއްޖެއިން ބޭރަށް ފަރުވާކުރުމުގެ އިންތިޒާމު އާއިލާއިން ކުރަމުން ގެންދާކަމަށް އިދިކޮޅުން ބުނެ އެވެ.