ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ އިއްޔެ ކައިވެނިކޮށްފި އެވެ.

ސިދާތު އާއި ކިއާރާ ކައިވެނީގެ ހަފްލާތައް ބާއްވާފައި ވަނީ ޖެއިސަލްމާރުގެ ގަނޑުވަރެއް ކަމަށްވާ ސޫރިއަގަރް ޕެލަސްގަ އެވެ.

ކައިވެނީގެ ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މީހުންގެ އިތުރުން ސިދާތު އާއި ކިއާރާ ވަނީ ބޮލީވުޑްގައި މަސައްކަތްކުރާ މަދު ރައްޓެހިންނަށް ދައުވަތު ދީފަ އެވެ.

އޭގެ ތެރޭގައި ކަރަން ޖޯހަރާއި ޝާހިދު ކަޕޫރާއި ޖޫހީ ޗާވްލާ އަދި މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ފަދަ މީހުން ހިމެނެ އެވެ.

ސިދާތާއި ކިއާރާ ޑޭޓްކުރަން ފެށީ، އެ ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު، "ޝޭރްޝާހް" ގެ ޝޫޓިންގެ ތެރެއިން ދިމާވެގެންނެވެ. ފިލްމުގައި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުގޮސްފައިވަނިކޮށް މި ތަރިން ޑޭޓްކުރަން ފެށި ހަބަރުން ސަޕޯޓަރުންނަށް އުފާވެރިކަން ލިބުނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކިއާރާ އާއި ސިދާތު ކައިވެނިކުރާ ގަނޑުވަރުގައި އެންމެ މަތީ ފެންވަރުގެ ކޮޓަރިތައް ހުރެ އެވެ. އެތަންތަނަށް ރެއެއްގެ މައްޗަށް 110،500 އިންޑިއަން ރުޕީސް ދައްކަން ޖެހެ އެވެ. އެންމެ އަގުހެޔޮ ކޮޓަރިއަށް ވެސް ރެއަކަށް 20،000 އިންޑިއަން ރުޕީސް ދައްކަން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.