މި ސަރުކާރުގެ ހިދުމަތްތަކެއް ނެތްކަމަށް ބުނާ މީހުން ލަދުގަންނަން ޖެހޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.

އަނދުން ހުސެއިން މިހެން ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުގެ ސަމާލުކަން ދިނުމަށް އެދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އިއްޔެ ހުށަހެޅުއްވި ގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި ކޮންމެ ފަސް، ހަ މީހަކުން އެކަކީ ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހެއް ކަމަށް ހުސެއިން ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ ވޭތުވެދިޔަ ސަރުކާރުތަކުގެ ތެރޭގައި ވެރިކަމުގެ ދައުރު ހަމަކޮށް، އަދި ދައުރު ހަމަނުވެ، "ވެއްޓުނު" ސަރުކާރުތަކުން ވެސް ދިވެހި ރައްޔިތުން މިހާލަށް ވެއްޓެން ޖެހުނު ސަބަބެއް ބަލާފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މާލެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުން ބިންވެހި ކުރުމުގެ ގޮތުން މާލެ ސަރަހައްދުން 5000 އަށް ވުރެ ގިނަ ގޯތި ދެއްވަން ނިންމަވާފައި ކަމަށް ހުސެއިން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ނަފްސާނީ ބަލިމަޑުކަން ތަހައްމަލް ކުރަމުންދާ ފަރާތްތައް މި ދެންނެވި އަދަދަށް ގޯތި ލިބިގެން ދިޔާމައި އެއީ ގާތްގަނޑަކަށް މާލޭގެ ދާއިރާއެއްގައި މީހުންނަ 550 އެއްހައި ގޯތީގެ ތެރެއަށް އިތުރު ހައެއްކަހާސް ގޯތި އައީމަ އެއީ ކޮންމެ ދެގޯއްޗަަށް ނޫނީ ގޯއްޗަކަށް ގޯއްޗެއް ލިބިގެން އެ އަންނަނީ. އެހެންވީމައި އާންމު ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ އުފާފާގަތިކަން އަޅުގަނޑުމެންގެ ހިތަށް އިހުސާސްކުރެވޭ." އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވިގޮތުގައި އޭނާ ރައީސް ސޯލިހަށް ތާއީދު ކުރައްވަނީ ރައްޔިތުންގެ ދިރިއުޅުމުގައި ދިމާވެފައި އޮތް އެންމެ ބޮޑު ނުތަނަވަސްކަން ކަމަށްވާ ގޯތި ގެދޮރުގެ ދަތިކަމަށް ހައްލު ގެނެސްދޭތީ އެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން މާލެ ސަރަހައްދުން ރައްޔިތުންނަށް ދޭން ނިންމާފައިވާ ގޯތިތަކުގެ ފަތް ޖޫން މަހުގެ ކުރިން ހަވާލުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމާއި މެދު ހަސަދަވެރިވެ، އެއީ ނުވާކަމެއް ކަމަށްގެ ގޮތުގައި އެތެރޭގެ ކެމްޕޭންތަކުގައި ވާހަކަ ދައްކާ މީހުން ލަދުގަންނަން ޖެހޭނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

"އިންތިހާބުވެފައި ތިބި ދާއިރާތަކުގެ ރައްޔިތުންނަށް މިފަދަ ބޮޑެތި ކަންކަން މިސަރުކަރުން ކޮށްދޭއިރުގައި، އެއީ ނުވާކަންކަންކަމަށް ހަދައިގެން ނުކުމެ ރައްޔިތުން ކުރިމަތީގައި ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ!" އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ދޫކުރާ 6000 އަށްވުރެ ގިނަ ގޯތި އާންމުންނަށް ދޫކުރުމުން، ރައްޔިތުންނަށް ލިބިގެންދާ ލުއި ފަސޭހަކަމާއި، ނަފްސާނީ ބަލިމަޑުކަން މަދުވާ މިންވަރު ފެނިގެންދާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ. މިކަން ފާހަގަކުރައްވައި ހުސައިން ވަނީ ރައީސް ސޯލިހަށް ތާއީދުކުރުމަށް އާންމުންނަށް ނަސޭހަތްތެރިވެ ގޮވާލާފަ އެވެ.