މޮރޮކޯ (25 ޑިސެމްބަރު) - މޮރޮކޯގެ ދެކުނުގައި އޮންނަ ވެސްޓަން ސަހަރާގައި އެމެރިކާއިން ކޮންސިއުލޭޓެއް ހުޅުވަން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވީ މޮރޮކޯގެ ބައެއްގެ ގޮތުގައި އެމެރިކާއިން ވެސްޓަން ސަހަރާ ބަލައިގަންނަށް ނިންމާފައިވާތީ އެތަނުގައި އެމެރިކާގެ ކޮންސުލޭޓެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި މިހާރު ދަނީ ކޮންސިއުލޭޓް ހުޅުވުމަށް އެކަށޭނެ އިމާރާތެއް ހޯދުމުގެ މަސައްކަތް ކަމަށާއި އެކަން ނިމުމުން އެތަނަށް މުވައްޒަފުން ހޯދުން ފެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮމްޕެއޯ ވިދާޅުވީ ކޮންސިއުލޭޓް ހުޅުވެންދެން މޮރޮކޯގެ ރަބާތުގައި ހުންނަ އެމެރިކާ އެމްބަސީން މި ކޮންސިއުލޭޓާ ގުޅުންހުރި ހުރިހާ ކަމެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވެސްޓަން ސަހަރާ އަކީ މޮރޮކޯގެ ބައެއްގެ ގޮތުގައި އެ ގައުމުން އަންނަނީ 1975 ވަނަ އަހަރުން ފެށިގެން ދައުވާކުރަމުންނެވެ. މި ސަރަހައްދުގެ މިނިވަންކަމަށް މަސައްކަތްކުރާ ޕޮލިސާރިއޯ ފްރޮންޓާއި މޮރޮކޯ ސަރުކާރާއި ދެމެދު 16 އަހަރު ވަންދެން ހަނގުރާމަކޮށް ކުރުމަށްފަހު ވަނީ 1991 ވަނަ އަހަރު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް މި ސަރަހައްދުގެ މިލްކުވެރިކަމާމެދު ވަކިގޮތެއް ނިމިފައި ނުވެ އެވެ.

އެމެރިކާއިން ވެސްޓަން ސަހަރާއަކީ މޮރޮކޯގެ ބަޔެއްގެ ގޮތުގައި ބަލައިގަތީ މޮރޮކޯއިން އިޒްރޭލާއި އެކު ގުޅުން ބަދަހިކުރުމަށް އެއްބަސްވުމުން އެކަމުގެ ބަދަލުގަ އެވެ. މާހިރުން ވިދާޅުވި ގޮތުގައި އެމެރިކާގެ މި ނިންމުމާއި ގުޅިގެން މިހާރު ވެސް ހަމަނުޖެހުން އޮތް ހިސާބެއްގައި އިތުރަށް ހަމަނުޖެހުން ބޮޑުވެގެން ދާނެ އެވެ. – އަލް އަރަބިއާ