ރިޔާދު (26 ޑިސެމްބަރު) - ސައުދީ އަރަބިއްޔާގައި ކޮވިޑް ވެކްސިން ދޭން ފެއްޓުމުގެ ގޮތުން އެންމެ ފުރަތަމަ ވެކްސިން ކްރައުން ޕްރިންސް ޖައްސަވައިފި އެވެ.

ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިލް ސަލްމާން އިއްޔެ ވެކްސިން ޖެހި ވަގުތު އެ މަންޒަރު ވަނީ ޓީވީން ދުރަށް ދައްކާފަ އެވެ.

ސައުދީގެ މިނިސްޓަ އޮފް ހެލްތް ތައުފީގް އަލް ރަބިއަ ވަނީ ވެކްސިން ސައުދީގެ ރައްޔަތުންނަށް ވީހާވެސް އަވަހަށް ދޭން ފެއްޓުމަށް ސަރުކާރުންނާއި އަދި ކްރައުން ޕްރިންސް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މިކަމަކީ ރައްޔަތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އަހަންމިއްޔަތުކަން ދައްކައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި އެ ގައުމުގެ ހުރިހާ އެންމެންނަށް ހިލޭ ވެކްސިން ދިނުމަށް ހަމަޖެހިފައިވެ އެވެ. ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ތިން ފޭހަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސް ގައި ވެކްސިން ދޭނީ ކޮވިޑް ވައިރަސް ޖެހިގެން ސިއްހީ ހާލަތު އެންމެ ގޯސް މީހުންނާއި ދުވަސްވީ މީހުންގެ އިތުރުން ފްރަންޓްލައިން ގައި މަސައްކަތްކުރާ މީހުންނަށެވެ. ދެވަނަ ފޭސްގައި 50 އަހަރުން މަތީ މީހުންގެ ތެރެއިން ބަލި މީހުންނަށެވެ. އަދި ތިންވަނަ ފޭސްގައި ވެކްސިން ދޭނީ ވެކްސިން ޖެހުމަށް ބޭނުންވެގެން ރެޖިސްޓާ ކުރާ އެންމެންނަށެވެ.

ސައުދީގެ ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް 500،000 މީހުން ވަނީ ވެކްސިން ޖެހުމަށް ރެޖިސްޓާ ކޮށްފަ އެވެ. – އަރަބް ނިއުސް