އެޓްލާންޓާ (25 ޑިސެމްބަރު) - އިނގިރޭސިވިލާތުން އެމެރިކާއަށް ދަތުރުކުރާ ފަސިންޖަރުން ކޮވިޑް ޓެސްޓްކޮށް، ނެގެޓިވް ޓެސްޓް ރިޕޯޓް ހުށަހަޅަން ޖެހޭނެ ގޮތަށް އެމެރިކާއިން ހަމަޖައްސައިފި އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ނެރުނު އިއުލާނެއްގައި ވަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން އަންނަ މީހުން ނެގެޓިވް ޓެސްޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ނެގެޓިވް ޓެސްޓް ރިޕޯޓް ތިން ދުވަސް ކުރިން އެއާލައިނަކަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އަންގާފައިވެ އެވެ. ސީޑީސީ އިން ބުނީ މި ގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ވައިރަސްގެ އައު ސްޓެރެއިނެއް ފެނިގެން ގައުމުތަކުން ވަނީ އެގައުމަށް ދަތުރުކުރުން ހުއްޓާލާފަ އެވެ. އަދި ރޯގާ ފެތުރުން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.

މިދިޔަ ހަފްތާގައި އެކަނި އިނގިރޭސިވިލާތުން 39،237 މީހުން ޕޮޒިޓިވް ވެފައިވެ އެވެ. މިއީ އަދި މިހާތަނަށް އިނގިރޭސިވިލާތުން ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވް ވި ހަފްތާ އެވެ. އިނގިރޭސި ވިލާތުން މިހާތަނަށް ކޮވިޑް ޖެހިގެން 69،625 މީހުން މަރުވެފައިވެ އެވެ. – އަރަބް ނިއުސް