މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި ގުޅިގެން އެއާޕޯޓް އިމަޖެންސީ ޕްލޭނިން (އޭއީޕީ) ވޯކްޝޮޕެއް ބާއްވައިފި އެވެ.

މިމަހުގެ 14 އިން އިއްޔެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި އެއާޕޯޓުން 18 ބައިވެރިންނާއި ތިން އެއާލައިނަކުން އޮފިޝަލުން ހިމެނޭ ގޮތަށް ޖުމުލަ 51 ބައިވެރިން ބައިވެރިވި ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

މި ވޯކްޝޮޕްގެ މަގުސަދަކީ އެއާޕޯޓް އިމަޖެންސީ ޕްލޭންތައް އެކުލަވާލުމާއި ތަންފީޒު ކުރުމުގެ އިތުރުން އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒްތައް ޑިޒައިންކުރުމާ ބެހޭ ގޮތުން އެއާލައިންތަކާއި އެއާޑްރޯމް އޮޕަރޭޓަރުންނަށް މައުލޫމާތު ދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލްއިން ހިންގި ތަމްރީން ޕްރޮގްރާމުގެ ބައިވެރިން އެ ކުންފުނީގެ ވެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނިގޮތުގައި މި ވޯކްޝޮޕަކީ އެއާޕޯޓްގެ އޮޕަރޭޝަންތައް ހަރުދަނާކޮށް ގައުމީ އަދި ބައިނަލްއަގްވާމީ ޝަރުތުތައް ފުރިހަމަވާކަން ކަށަވަރުކުރުމަށް އެމްސީއޭއޭގެ އެދުމުގެ މަތިން އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ ސިލްސިލާ ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަން އެވެ.

އެމްއޭސީއެލްއިން ހިންގި ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދެނީ. ފޮޓޯ: އެމްއޭސީއެލް

މި ސެޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ އެއާޕޯޓުގެ ކުއްލި ހާލަތްތަކާ ކުރިމަތިލުމަށް ތައްޔާރުވުމުގެ މުހިންމުކަމާ ކަމަށާ އެކަމަށް ތައްޔާރުވެ ތިބެން ޖެހޭނެ ކަމަށެވެ. މިފަދަ ތަމްރީންތަކެއްގެ ސަބަބުން އެއާޕޯޓުގައި ހިދުމަތްދޭ ހުރިހާ ފަރާތްތަކުގެ މެދުގައި ކޯޑިނޭޝަން އުފެދިގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަހަރަކު އެތައް ހާސް މަތިދާ ބޯޓެއް ޖައްސައި ފުރާ ވީއައިއޭގައި 3،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މި މުވައްޒަފުންނަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާއިން ގަބޫލުކޮށްފައިވާ ތަމްރީން ލިބިފައިވާ މީހުންނެވެ.