ޑާކާ (26 ޑިސެމްބަރު) - ބަންގްލަދޭޝްގެ ފުލުހުން ބަދުނާމުވާގޮތަށް ފިލްމު ހެދިކަމަށް ބުނެ ޑައިރެކްޓަރަކު ހައްޔަރުކޮށްފި އެވެ.

ބަންގްލަދޭޝްގެ ސެލެބްރިޓީ ޕްރޮޑަކްޝަން ގްރޫޕުން އުފައްދާފައިވާ ނަބާބް އެލްއެލްބީ ނަމަކަށް ކިޔާ ޑްރާމާ ރިލީސްކޮށްފައި ވަނީ ޑިސެމްބަރު 16 ވަނަ ދުވަހު އެވެ. މި ޑްރާމާ އަކީ ރޭޕް އަދި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާތަކަކުގެ މައްޗަށް އުފައްދާފައިވާ ޑްރާމާއެކެވެ.

މިދިޔަ ހަފްތާގައި ބަންގްލަދޭސް ސޯޝަލް މީޑިއާތަކުގައި ވަނީ މި ޑްރާމާގެ މަންޒަރެއްގައި ރޭޕް ވިކްޓިމެއް ޕޮލިސް ސްޓޭޝަން ތެރޭގައި ބައިންދައިގެން އޭނާއާއި ބޭއަދަބީ ބަހުން މުއާމަލާތްކޮށް ސުވާލުކުރާ މަންޒަރު ވައިރަލްވެފަ އެވެ. އަދި މިކަމާ ގުޅިގެން ފުލުހުންނަށް ވަރަށް ބޮޑަށް އާންމުންގެ ފަރާތުން ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އެކަން މައްސަލައަކަށް ހަދައި ބަންގްލަދޭޝް ފުލުހުން ވަނީ އެ ޑްރާމާގެ ޑައިރެކްޓަރު އަނޮނޯ މަމުން އަދި މި ޑްރާމާގައި ފުލުހެއްގެ ރޯލް އަދާކުރި ޝާހީން މްރިދާ ހައްޔަރުކޮށްފަ އެވެ.

ޑާކާ ފުލުހުން ބުނި ގޮތުގައި އެ ޑްރާމާގެ މަންޒަރެއްގައި ރޭޕް ވިކްޓިމެއް ފުލުހުންގެ ސްޓޭޝަނެއްގައި ބައިދައިގެން ވަރަށް ބޭއަދަބީ ބަހުން މުއާމަލާތްކޮށް އަދި އާންމުންގެ ތެރޭގައި ފުލުހުނާ ދޭތެރޭ ނުރަނގަޅު ތަސައްވަރެއް ގާއިމްވެގެންދާނެ ފަދަ ގޮތަކަށް މި ޑްރާމާގައި އަމަލުކޮށްފައިވެ އެވެ. އަދި ވިކްޓިމް އާއި ސުވާލުކުރުމުގެ ކަންކަން ކުރިއަށްގެންދާގޮތް ކަމަށް މި ޑްރާމާގައި ދައްކުވައިދީފައި ވަނީ ބަންގްލަދޭޝް ފުލުހުން އެއްވެސް އިރެއްގައި ބޭނުންކުރާ ގޮތްތަކެއް ނޫން ކަމަށް ފުލުހުން ބުންޏެވެ. އެ ޑްރާމާގައި ވަނީ ބަންގްލަދޭޝް ފުލުހުންގެ މުޅި މުއައްސަސާ ބަދުނާމުވާ ގޮތަށް އަމަލުކޮށްފައި ކަމަށް ވެސް ބުނެފަ އެވެ.

މި މީހުން ހުކުރު ދުވަހު ކޯޓަށް ގެންގޮސް އޮރިޔާން ކާޑު އުފެއްދުމާއި، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ޖިންސީ އަނިޔާ ކުރާ މަންޒަރު ހިމެނޭ ގޮތަށް ފިލްމް އުފެއްދުމުގެ ކުށުގައި ދައުވާ ވަނީ އުފުލާފަ އެވެ. އަދި މި ދައުވާ ސާބިތުވެއްޖެނަމަ މި މީހުންނަށް ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މި ޑްރާމާގައި އަންހެނުންނަށް ކުރިމަތިވަމުންދާ އަނިޔާއާއި ފުރައްސާރަ ވަރަށް ރަނގަޅަށް ދައްކުވައިދޭ ކަމަށާއި، މިއީ އާޓިސްޓުންނަށް އަމާޒުކޮށްގެން ހިންގާ ދަށުދަރަޖައިގެ ކަންކަން ކަމަށް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އެކަނި 1،000 އަށް ވުރެ ގިނަ އަންހެނުން ރޭޕްކޮށްފައިވެ އެވެ. އަދި މިފަދަ މައްސަލަތަކުގައި 43 އަންހެނުން ވަނީ މަރުވެފަ އެވެ. – އަލްޖަޒީރާ