ގުދުރަތީ ތެލުން ހަންގަނޑަށާއި އިސްތަށިގަނޑަށް ވެސް ގިނަ ފައިދާ ތަކެއް ކުރެ އެވެ. މީގެ ތެރޭގައި ކާށި ތެޔޮ، އާމަންޑް ތެޔޮ، އަދި ޒައިތޫނި ތެލަކީ އިސްތަށިގަނޑަށް ވަކިން ހާއްސަކޮށް ފައިދާ ކުރާ ތެޔޮ ތަކެވެ. މި ތެޔޮ ތަކުގެ ތެރެއަށް އެންމެ ފަހުން ތައާރަފުވީ އެގް އޮއިލް ނުވަތަ ބިސް ތެލެވެ. ބިސް ތެލުން އިސްތަށިގަނޑަށް ހީވެސް ނުކުރާހާ ގިނަ ފައިދާތައް ލިބެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.

ބިސް ތެލަކީ ކޮބާ؟

ބިސް ތެލަކީ ބިހުގެ ގޮބޮޅިން ހަދާ ތެލެކެވެ. މީގައި ޓްރައިގްލޮރޮސައިޑްސް އާއި ކޮލެސްޓްރޯލް އަދި ޕޮސްޕޮލޮޕިޑްސް ހިމެނެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަންގަނޑަށާއި އިސްތަށިގަނޑަށް ކޮލެސްޓްރޯލަކީ ވަރަށް މުހިއްމު މާއްދާ އެކެވެ.

މިއީ ބޮލަށާއި ހަމުގެ ތެރެއަށް ފަސޭހައިން ވަދެގެންދާ މާއްދާ އެކެވެ. ހަންގަނޑު ހަލާކުވެ ހިކޭގޮތް ވާނަމަ މިއީ ފަރުވާ އެކެވެ. މީގެ އިތުރުން ބިސް ތެލުގައި ޕޮލި-ސެޓުރޭޓަޑް ފެޓީ އެސިޑް އާއި އޮމެގާ ތިނެއް އަދި އޮމެގާ ހައެއް ހިމެނެ އެވެ. މިއީ ސެލްތައް އުފެދުމަށް މުހިއްމު މާއްދާ ތަކެވެ.

އިސްތަށިގަނޑު މުސްކުޅިވެގެން ފައިބާ ފޭބުން ވެސް ބިސް ތެލުން ދުރުކޮށްދެ އެވެ. އެއާއެކު ބިސް ތެލުގައި ހިމެނޭ އީއެފްއޭ ކިޔާ މާއްދާ އަކީ ބޮލުގެ ލޭ ދައުރުކޮށްދިނުމަށާއި ސެލްތައް އުފެދުމަށާއި، އިސްތަށިގަނޑުގެ ފޮލިކަލްސްތައް އާކޮށްލުމަށް މުހިއްމު މާއްދާ އެކެވެ. އަދި ހަންފޮޅުން ކަހަލަ ބޯ ނުވަތަ އިސްތަށިގަނޑަށް ދިމާވާ އާންމު މައްސަލަތަކަށް އެ މާއްދާގެ ސަބަބުން ފަރުވާ ލިބެ އެވެ.

ބިސް ތެޔޮ ގަންނަން ނުލިބޭނަމަ ބިހުގެ ގޮބޮޅި ބޮލުގައި ހާކައިގެންވެސް މީގެ ފައިދާ ހޯދިދާނެ އެވެ.