މާލެ ސަރަހައްދުގައި ހިމަބިހި (މީޒަލްސް) ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަށަށް ގޮސް، ނިމިދިޔަ ހަފުތާގައި މި ބައްޔަށް ޕޮޒިޓިވްވީ އެންމެ ފަސް މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި ހިމަބިހި ފެތުރެން ފެށި ދުވަސްވަރު ކޮންމެ ހަފުތާއަކު ވެސް ގިނަ އަދަދެއްގެ މީހުން ބައްޔަށް ޕޮޒިޓިވްވަމުން ދިޔަ އެވެ. ނަމަވެސް، އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު މި ބަލި ޖެހޭ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ވޭތުވެދިޔަ ހަފުތާގެ ކުރީ ހަފުތާގައި 12 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، ނިމުނު ހަފުތާގައި ރިޕޯޓްކޮށްފައި ވަނީ އެންމެ ފަސް ކޭހެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 269 އަށް އަރާފަ އެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 16،368 މީހަކު ވަނީ އެމްއެމްއާރު ވެކްސިން ޖަހާފަ އެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔަކަށް ވާތީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިކަން ޔަގީންނުވާ އެންމެހައި ފަރާތްތަކުން ވެސް ލަސްނުކޮށް ކަނޑައެޅިފައިވާ މަރުކަޒުތަކަށް ގޮސް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެއިތުރުން، ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުންނާއި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.

ސިއްހީ ދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ގަދައަށް ހުންއައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގަން ފަށައިފިނަމަ، ފަސްނުޖެހި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ. މިފަދަ އަލާމާތްތަކަށް އަވަހަށް ސަމާލުކަން ދިނުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.